"ޗައިނާ އިން މިހާރު އަހަރަކު 700 މިލިއަނާއި އެއް ބިލިއަން ޑޮލަރާ ދެމެދުގެ މުދާ ރާއްޖެ އެބަ އެތެރެކުރޭ. ކަރަންސީ ސެޓެލްމަންޓް އެއްބަސްވުމާ އެކު މި 700 މިލިއަން [އެމެރިކާ ޑޮލަރު] ބޭނުންނުކޮށް މުދާ އެތެރެކުރެވޭނެ."
17 ސެޕްޓެމްބަރ 2024 - 18:16
ޗައިނާއާ އެކު ރާއްޖެއިން ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަން ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ޗައިނާ ސަރުކާރާ އެކު ކުރަމުން އައި މަޝްވަރާތައް ގާތްގަނޑަކަށް ނިމި، އަންނަ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެފްޓީއޭއަށް އަމަލުކުރަން ފެށޭނެ ކަމަށެވެ.
ދިވެހި ސަރުކާރާއި ޗައިނާގެ މަރުކަޒީ ބޭންކާ ދެމެދު ކަރަންޓް އެކައުންޓް މުއާމަލާތްތައް ދެ ގައުމުގެ ފައިސާއިން ކުރެވޭ އެއްބަސްވުމުގެ މައްޗަށް، މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމުން، ދިވެހި ވިޔަފާރިތަކަށާއި އިގުތިސާދަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ މިސާލުތަކެއް ނަންގަވައި ސައީދު ވިދާޅުވި ގޮތުގައި، ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ 91 ޕަސަންޓު ބާވަތުން ޑިއުޓީ ދައްކަން ނުޖެހޭނެ އެވެ. ޑިއުޓީ ނުދައްކައި، ދިވެހި ރުފިޔާއިން ޗައިނާ އިން މުދާ ގަނެވޭ ގޮތް ވުމުން، ދިވެހި ވިޔަފާރިތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޗައިނާ އިން މިހާރު އަހަރަކު 700 މިލިއަނާއި އެއް ބިލިއަން ޑޮލަރާ ދެމެދުގެ މުދާ އެބަ އެތެރެކުރޭ. ކަރަންސީ ސެޓެލްމަންޓް އެއްބަސްވުމާ އެކު މި 700 މިލިއަން ޔޫއެސްޑީ [އެމެރިކާ ޑޮލަރު] ބޭނުންނުކޮށް މުދާ އެތެރެކުރެވޭނެ،" ރާއްޖޭގައި އޮތް ޑޮލަރުގެ ދަތިކަމަށް ވެސް ލިބޭނެ ބޮޑު ލުޔެއް ފާހަގަކުރައްވައި ސައީދު ވިދާޅުވި އެވެ.
ޗައިނާއިން އެތެރެކުރާ މުދަލުގެ އިތުރުން، މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކްސްޕޯޓުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ މަހުގެ ބާވަތްތަކުން، ސުން ޕަސަންޓު ޑިއުޓީގައި ޗައިނާއަށް އެކްސްޕޯޓް ކުރެވޭނެ އެވެ. އޭގެތެރޭގައި، ދިވެހި މަހުގެ 296 ބާވަތެއް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި މަހުގެ ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހުމުން، އެހެން ގައުމުތަކުން ޑިނގާ ފަދަ ބާވަތްތައް ރާއްޖެއަށް ގެނެސް، ވެލިއު އެޑްކޮށް، ޗައިނާއަށް ސުން ޕަސެންޓު ޑިޔުޓީގައި ރީއެކްސްޕޯޓް ކުރުމުގެ ދޮރު ވެސް ހުޅުވިގެންދާނެ އެވެ.
ޗައިނާގެ ބޮޑެތި ވިޔަފާރިތަކާ ވާދަ ނުކުރެވި ދިވެހި ވިޔަފާރިތަކަށް އޮތް ނުރައްކާތަކާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން، ސައީދު ވިދާޅުވީ ޗައިނާ އާ އެކު ކުރެވުނު މަޝްވަރާތަކުގައި ދިވެހި ވިޔަފާރިތަކަށް އެ ރައްކާތެރިކަން ކަށަވަރުކޮށްދެވިފައިވާ ކަމަށެވެ.
ޗައިނާގެ ޝަންގްހައި، ބެއިޖިންގް އަދި ޓިއަންޖެންގައި ދިވެހި ޓްރެވަލް އޭޖެންޓުންނަށް ފްރީ ޒޯނެއްގެ ތެރެއިން ހަރަކާތްތެރިވެވޭނެ މަގު އެފްޓީއޭގެ ތެރެއިން ފަހިވިޔަސް، ޗައިނާ އޭޖެންޓުންނަށް ރާއްޖޭގައި ހަރަކާތްތެރިވެވޭނެ ފުރުސަތެއް ނުލިބޭނެ ކަމުގެ ޔަގީންކަން ސައީދު ދެއްވި އެވެ.
ރާއްޖެ އާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި އެ ގައުމުން ސޮއިކުރީ ކުރީގެ ރައީސް ޔާމީން ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ޑިސެމްބަރު 18، 2014 ގަ އެވެ. އެ އެއްބަސްވުން ކުރިއަށް ގެންދަން މަޖިލީހުން ފާސްކުރީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ އަޣުލަބިއްޔަތު އޮތް މަޖިލިހުން ނޮވެމްބަރު 29، 2017 ގަ އެވެ. އެކަމަކު އޭގެ ފަހުން ސަރުކާރުން ބަދަލުވެ، އެ އެއްބަސްވުން މުރާޖައާ ކުރަމުންދާ ކަމަށް ބުނެ، ކުރީގެ ސަރުކާރުގައި އެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައެއް ނުވެ އެވެ.
އެ އެއްބަސްވުމަށް މި ހިނގާ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އަމަލުކުރަން ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޖުލައި މަހު ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާރިހަތު ޖަލީލު
18 September 2024
ތިކަހަލަ ވަކަވާހަކަތައް ރައްޔިތުން ބަލައިގަންނަނީ ކިހާވަރަކަށްތޯ އަހަރެން ހިތަށް އަރާ!
ކުރިއަރާނީދޯ
18 September 2024
އަންނަ އަހަރު އެފްޓީއޭ ފެށުން އެއީ މާބޮޑަށް ލަސް އެކަން އަވަސް ކުރެވޭތޯ ބަލަންވީއޭ އަދި އެބައޮތް 3 މަސް ދުވަސް އެއީ ވަރަށް ގިނަ ދުވަސް ސަރުކާރުގެ ހަކަތަ ހުސްކުރަންވީ ޗައިނާގެ އެފްޓީއޭ އަށް މިމަސް ނިމެންވާއިރަށް އަމަލު ކުރެވޭތޯއޭ އެއިރުން މުއިއްޒު ބުނެފައި އޮތް ގޮތަށް އެކަން ކުރެވުނީއޭ އެއިރުން އެންމެ ވައުދެއް ނަމަވެސް ދިމާވެއްޖެ ނޫންތޭ ރައީސަކު ވިދާޅުވާ އެއްޗަކީ އެއީ ވަރަށް ބަރުދަން ބޮޑު އެއްޗަކަށް ސަރުކާރުގެ ވަޒީރުން ހަދަން ޖެހޭނެއޭ އެއިރުން
އަވަސްކުރޭ
18 September 2024
ޗައިނާގެ އެފްޓީއޭ ފެށުމުގެ ކުރިން މިމަހު ފަށަންވީ އަވަހަށް ޗައިނާ ކަރަންސީ އަށް ދިވެހި ރުފިޔާ މާރުކޮށްގެން ވިޔާފާރި ކުރަން ޑޮލަރަށް ވެފައި އޮތް ބަރޯސާ އެއްކޮށް ނައްތާލަންވީއޭ މިކަން ނުކޮށް ލަސްވާ ކޮންމެ ދުވަހަކީ ސަރުކާރަށް އަންނާނެ ޑެމޭޖެއް ކަން ޔަގީނޭ
ހަޤީޤަތް
18 September 2024
ވަރަށް ރަނގަޅު ނިންމުމެއް.. ދެން މިކޮޅަށް އެތެރެވީމަ ޑިއުޓީ 500% އަަށް ހަދާލީމަ ސަޅިވާނެ އަދި.. ކޮންމެ ކަމެއްގަވެސް ނިމޭއިރު އޮންނާނީ ކޮޅުކެހި..ތިހެން ހިލޭ ޑިގްރީވެސް އެންމެނަށް ކަށަވަރު ކޮއްދިން ކެމްޕޭނުގަ..ހޮވިގެން ޝަރުތު ކަނޑައެޅިއިރު ލިބޭ އެކަކުވެސްނެތް..ހުސްނުވާ އާސަންދަވެސް ހެދި.. މުޅި ފޭސްބުކްގަ ސަލާންޖެހުމުގަ އެކަމު..ސުރުހީ އަޅާފަ ހަބަރު ނިމޭއިރު ސުރުހީއަކާ ގުޅުމެއް ނޯންނަހެން ކޮންމެކަމެއްވެސް މިވަނީ
ހިލޭ ޑިގްރީ
18 September 2024
ހިލޭ ޑިގްރީ ގެ ދަށުން ކިޔަވާ އެތައް ސަތޭކަ ދަރިވަރުން މިހާރުވެސް އެބަތިބި. ފިތުނަ ފަސާދަ ނުކުރޭ.
ދަންތޫރު
18 September 2024
މިޔަކަށް ނުކިޔާނެ ވޯރާ ވިޔަފާރިވެރިން އެނބުރި އަންނަނީއެކޭ.. ކިޔާނީ ޗައުޅާ ވިޔަފާރިތައް ވަކިހިއްޕާލަނީއޭ
ރަންނަ
17 September 2024
ސައީދު ދައްކާ ފިނިވާހަކައަކަށް ހެއްލުނު މީހަކަށް ބޮނޑިއެއް ނުލިބިއަދި ނުދޭ. ބަންކަރިންއަށްވެސް މިހާރު 6 ވަނަ ތާރީޙު ދީގެން އެއުޅެނީ. އެކަމެއްވެސް ނުވަނީސް ނުވާނެ ގަބޫލު ކުރާކަށް
ނިލިސް
17 September 2024
އަންނަ އަހަރު. ކުރީގެ ޚަބަރުތަކުން ހީވީ މިހާރު ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމެއް
ޗައިނާއިން މުދާ
17 September 2024
ޗައިނާއިން މުދާގެނައުމައް ޑޮލަރުބޭނުންނުވަންޏާ އެއީ ޑޮލަރައް ލިބޭނެ ބޮޑުލުޔަކައްވާނީ ހަމަ މިއާއެކު ފާހަގަ ކޮއްލަންޖެހޭނެ ތަންކޮޅަކީ ރާއްޖެއައް މިހާރު އެންމެގިނަ ފަތުރުވެރިން އަންނަގައުމުގެ ފަތުރުވެރިން އެދުވަހުން ޑޮލަރު ހިފައިގެން އަންނަން ނުޖެހުމުން ރާއްޖެއައްލިބޭ ޑޮލަރުވެސް މަދުވާނެކަން. ދެންޖެހޭނީ މިދެކޮޅު މިނެކިރާލަން އޭރުން ރަގަޅެއްތޯ ގޯހެއްތޯއެނގޭނީ.
އަދުރޭ ސާރ
17 September 2024
ޗައިނާ މީހުންޖަހާ ހިސާބު މާ މޮޅުވާނެ. ތިކަމުގަ ރާއްޖެޔަށް ލިބޭ ފަސޭހަޔަށްވުރެ ޗައިނާޔަށްވާ ފައިދާ ބޮޑުވާނެ.
ކަންމަތީސޭޓު
17 September 2024
ޗައިނާއިން އިމްޕޯޓުކުރާ މުދަލަށް މިހާރު ނަގަމުން އަންނަ ޑިއުޓީތައް ކަނޑާލުމުން ދައުލަތައް އުނިވާބައި ޖީއެސްޓީ ބޮޑުކޮށްގެން ނުގާނެބާ؟
ނަޞްރުﷲ
17 September 2024
މިއީ ވަރަށް މުހިއްމު ނިންމުމެކެވެ. މި ނިންމުމުން ދިވެހިންނަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމުގާ ގަބޫލު ކުރެވެއެވެ. އޭރުން ޗައިާއިން މުދާ ގެނެސް ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް އެ މުދާ ވިއްކިދާނެއެވެ. ފޭރޭ ބާޒާރުގާ ޑޮލަރުން މީހުންގެ ފައިސާކޮޅު ދަމައިގަންނަ ލުޓޭރުންނަށް މި އީ ވަރަށް ހިތި ޚަބަރަކަށް ވާނެެއެވެ. ރައީސް ޑރ.މުޢިއްޒާއި ސަރުކާރުގެ އިސް ވެރިންނަށް ޝުކުރު ދަންނަވަމެވެ.