ބޭންކް އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 160 ޕަސެންޓަށް އިތުރުވެއްޖެ އެވެ.

މި އަހަރުގެ ފުރަތަމަ ހަ މަހު ބޭންކް އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް ވަނީ 776 މިލިއަން ރުފިޔާ ލިބިފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ބޭންކް އިންކަމް ޓެކްސް އިން ދައުލަތަށް ލިބުނީ 294 މިލިއަން ރުފިޔާ އެވެ.

ދައުލަތަށް އަހަރުގެ ފުރަތަމަ ހަ މަހު ލިބުނު އާމްދަނީގެ 27 ޕަސެންޓަކީ ބޭންކް އިންކަމް ޓެކްސް އިން ލިބުނު އާމްދަނީ އެވެ. 

އިންކަމް ޓެކްސްގެ ގާނޫނުގެ ދަށުން ޓެކްސް ނަގަން ފެށުމާ އެކު، ރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު ވަނީ އުވިފަ އެވެ. އަދި އޭގެ ފަހުން އިންކަމް ޓެކްސް ގާނޫނަށް އަމަލު ކުރަން ފެށީ އޭޕްރީލް 2020 ވަނަ އަހަރު އެވެ. 

ބޭންކްތަކުން އާމްދަނީގެ 25 ޕަސެންޓު އިންކަމް ޓެކްސްގެ ގޮތުގައި ދައްކަން ޖެހެ އެވެ.

ހަ މަހުން އިންކަމް ޓެކްސްގެ ގޮތުގައި ވަނީ 3.6 ބިލިއަން ރުފިޔާ ލިބިފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 33 ޕަސެންޓް އިތުރު އަދަދެކެވެ. 

މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭ ދައުލަތަށް 19 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު އޭގެ ތެރެއިން ޓެކްސްތަކުން އެކަނި 15 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.