މިދިޔަ ދެ އަހަރާއި ބައިގެ ތެރޭ ބީއެމްއެލް އިން ރެކޯޑް އަދަދަކަށް ކަސްޓަމަރުންނަށް ޑޮލަރު ވިއްކާފައި ވާއިރު އެންމެ ބޮޑު އަދަދެއް ވިއްކީ ރުފިޔާ ކާޑުތަކުން ކޮށްފައިވާ މުއާމަލާތްތަކަށް ކަމަށާއި ފަސް އަހަރު ތެރޭ 870 މިލިއަން ޑޮލަރު އެ މުއާމަލާތްތަކުގައި ވިއްކި ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.

ބީއެމްއެލް އެންމެ ގިނައިން ޑޮލަރު ވިއްކަނީ ރުފިޔާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް ކަމަށް ވާއިރު ރުފިޔާ ކާޑުތަކުގެ 65 ޕަސެންޓަކީ އޮންލައިން ވިޔަފާރިތައް ހިމެނޭ އީކޮމާސް މުއާމަލާތްތަކެވެ.

އެވްރެޖްކޮށް ކޮންމެ މަހަކު 39.3 މިލިއަން ޑޮލަރު ރުފިޔާ އެކައުންޓްތަކުން ހިންގާ މުއާމަލާތްތަކަށް ވިއްކާ އިރު އޭގެ ތެރެއިން 25.5 މިލިއަން ޑޮލަރުގެ މުއާމަލާތްތައް ހިންގަނީ އީކޮމާސް ވެބްސައިޓްތަކަށް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ރުފިޔާ ކާޑުތަކަށް ވިއްކި އަދަދު އެހާ ބޮޑަށް އިތުރުވި އިރު ބޭސް ފަރުވާ އާއި ތައުލީމުގެ ބޭނުންތަކަށް މިދިޔަ 30 މަހު ވިއްކާފައިވަނީ 143 މިލިއަން ޑޮލަރެވެ.  ބޭންކުން 2024 ގައި ތައުލީމާއި ބޭސްފަރުވާއަށް މަހަކު 4 މިލިއަން ޑޮލަރު ވިއްކި އިރު  މިދިޔަ އަހަރު  މަހަކު 5 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. މިއަހަރު ބޭންކުން އަންނަނީ މަހަކަށް 5.8 މިލިއަން ޑޮލަރު ވިއްކަމުންނެވެ. ތައުލީމާއި ބޭސްފަރުވާއަށް ވެސް ޑޮލަރު ވިއްކާ އަދަދު އަންނަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންނެވެ. 

ދެވަނައަށް އެންމެ ބޮޑު އަދަދެއް ވިއްކަނީ ޓީޓީގެ މުއާމަލާތްތަކަށެވެ. މި މުއްދަތުގައި ބޭންކުން ވަނީ ޓީޓީ އަށް 422 މިލިއަން ޑޮލަރު ވިއްކާފަ އެވެ. އެއީ 43 ޕަސެންޓްގެ އިތުރުވުމެކެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ބޭންކުން ވަނީ 264 މިލިއަން ޑޮލަރު މިދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގައި ވިއްކައިފަ އެވެ. އެއީ ގާތްގަނޑަކަށް 70 ޕަސެންޓްގެ އިތުރުވުމެކެވެ.

ބޭންކުން ވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް،  1.7 ބިލިއަން ޑޮލަރު ވިއްކައިފަ އެވެ. މިއީ އޭގެ ކުރީގެ ދެ އަހަރާއި ބައިގެ މުއްދަތަށް ވުރެ 77 ޕަސެންޓް އިތުރު އަދަދެކެވެ. އޭގެ ކުރީ ދެ އަހަރާއި ބައިގެ މުއްދަތުގައި ބީއެމްއެލް އިން ކަސްޓަމަރުން ވިއްކީ 741 މިލިއަން ޑޮލަރެވެ.

ބޭންކުން މަހެއްގެ މައްޗަށް ބޭރު ފައިސާ ވިއްކާ މިންވަރު މިދިޔަ ފަސް އަހަރު ތެރޭގައި ވަނީ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރުވެފަ އެވެ. އެގޮތުން 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 21 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މި އަދަދު ވަނީ މަހަކު 80 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.

މިިދިޔަ ފަސް އަހަރު ބޭންކުން ވަނީ ބޭންކުގެ އެކި ހިދުމަތްތައް ހޯދާ ފަރާތްތަކަށް 2.7 ބިލިއަން ޑޮލަރު ވިއްކައިފަ އެވެ.