ބާޒާރުގައި ތަކެތީގެ އެންމެ ހެޔޮ އަގު ދެނެގަނެވޭނެ ގޮތް ހެދުމަށް އިކޮނޮމިކް މިނިސްޓްރީން ހާއްސަ އެޕްލިކޭޝަނެއް ތައާރަފްކޮށްފި އެވެ.
"އަގު މަގު" ގެ ނަމުގައި ހަދާފައިވާ އެޕްލިކޭޝަން މެދުވެރިކޮށް، ބާޒާރުގައި ލިބެންހުރި އެންމެ ފަހުގެ އަގުތައް ފަސޭހަކަމާ އެކު ބަލައިލެވޭނެ އެވެ. އަދި އެކި ފިހާރަތަކުން ތަކެތި ލިބެން ހުންނަ އަގުތައް ވެސް ފަސޭހައިން ބަލައިލެވޭނެ އެވެ.
މީގެ ކުރިން އިކޮނޮމިކް މިނިސްޓްރީން ވަނީ ކޮންމެ ރޯދަމަހަކާ ދިމާކޮށް ރީޓެއިލް ގިނަ ފިހާރަތަކެއްގެ އަގުތައް ބެލޭނެ ގޮތް ހަދަ އެވެ. އަދި އޭރު އެކަން ކުރަނީ އެކަމަށް ހާއްސަ ވެބްސައިޓެއް މެދުވެރިކޮށެވެ.
އަގު މަގު އެޕްލިކޭޝަން ގޫގުޕް ޕްލޭ ސްޓޯ އާއި އެޕް ސްޓޯ މެދުވެރިކޮށް ވެސް ޑައުންލޯޑް ކުރެވޭނެ އެވެ.
އެންމެ ހެޔޮ އަގު ބަލައިލެވޭ އެ އެޕްލިކޭޝަނުން އެވްރެޖްކޮށް ފިހާރަތަކުގައި ހުރި އަގުތަކާއި މިދިޔަ 10 ދުވަހު އަގުތަކަށް އައިސްފައިވާ ބަދަލުތައް ވެސް ދެނެގަނެވޭނެ އެވެ.
ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު، ތަކެތީގެ އަގުތަކަށް އެކި ސަބަބުތަކާ ހެދި ބޮޑެތި ބަދަލުތަކެއް ދޭތެރެ ދޭތެރެއިން އާދެ އެވެ. އަދި އަގުތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ ތަރުކާރީ އާއި މޭވާ އާއި އަސާސީ އެހެން ބައެއް ބާވަތްތަކުގެ އަގުތައް އެސްޓީއޯ މެދުވެރިކޮށް ރާއްޖެ ގެންނަން ފަށައިފަ އެވެ.