މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)އާ ގުޅިގެން އެލިއާ އިން 12 ވަނަ ބޯޓް އޮޕަރޭޓަރުންގެ ތަމްރީނު ޕްރޮގުރާމް ނިންމާލައިފި އެވެ.
މިދިޔަ އަންގާރަ ވަނަ ދުވަހުން ފެށިގެން ބުރާސްފަތި ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގުރާމްގައި 47 އޮޕަރޭޓަުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ރިސޯޓުތަކުންނާއި މެރިން ޓްރާންސްޕޯޓް އޮޕަރޭޓަރުންނާއި ސަރުކާރުގެ އެކި މުއައްސަސާތަކުގައި މަސައްކަތް ކުރާ ކެޕްޓަނުން ހިމެނެ އެވެ.
އެމްއައިޓީ ކޮލެޖާ ގުޅިގެން އެލިއާ އިން ކޮންމެ އަހަރަކު ބާއްވާ މި ޕްރޮގްރާމަކީ އައުޓްބޯޑު އިންޖީނު އެޅި އުޅަނދުތަކުގައި ދަތުރުކުރަން ކެޕްޓަނުންނަށް ބޭނުންވާނެ މައުލޫމާތުތަކުގެ ތިއަރީ އާއި ހުނަރުތައް ހިމެނޭ ހާއްސަ ސެޝަންތަކާ އެކު ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.
އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ ގޮތާއި އެފަދަ ހާދިސާއެއްގައި އަމަލުކުރަންވީ ގޮތުގެ ތަމްރީނާއި ފަސްޓް އެއިޑުގެ ތަމްރީނުތައް މި ޕްރޮގުރާމްގައި ދިނެވެ. އަދި ރައްކާތެރިކަމާ އެކު، ޔަމަހާ އައުޓްބޯޑު އިންޖީނުތަކުގެ އޮޕަރޭޝަނާއި މެއިންޓަނަންސްގެ ޕްރޮޓޮކޯލްތަކާއި ކުއްލިއަކަށް ކަނޑުމަތީގައި އިންޖީނު ހުއްޓިއްޖެ ނަމަ އިންޖީނު އަލުން އޮޕަރޭޝަނަށް ގެންނާނެ ގޮތުގެ މައުލޫމާތު ވެސް ކިޔައިދީފައި ވެ އެވެ.
ތިއަރީ އާއި ޕްރެކްޓިކަލް ބައިތައް ހިމަނައިގެން ބޭއްވި މި ޕްރޮގްރާމަކީ އެލިއާއިން ރާއްޖޭގެ ކަނޑުމަތީގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކުރަމުންދާ އެކި މަސައްކަތްތަކުގެ މުހިންމު ބައެކެވެ.
އެލިއާއަކީ ރާއްޖޭގެ އެންމެ މަގުބޫލު އެއް އިންޖީނު ޔަމަހާ އިންޖީނުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އެ ކުންފުނިން ޔަމަހާއާ ގުޅިގެން ވެސް މިފަދަ އެކި ތަމްރީނުތައް ބާއްވަ އެވެ.