އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްރަން (އާކް) އިން އެލިއާ އިންވެސްޓްމަންޓްސްގެ އެހީތެރިކަމާއެކު ސަލާހުއްދީން ސްކޫލްގައި "ރީޑިން ރިޓްރީޓް" ގެ ނަމުގައި ލައިބްރަރީއެއް ހުޅުވައިފި އެވެ.

އެއްފަހަރާ 150 ކުދިންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވި އެ ލައިބްރަރީގައި ކުދިން ކިޔުމާއި ދަސްކުރުމަށް ޝައުގުވެރިކަން އިތުރު ކުރުމުގެ މަގްސަދުގައި ތަފާތު ތަންތަން ހިމެނެ އެވެ.

އާކް އިން ހުޅުވި ލައިބްރަރީގައި ސަލާހުއްދީން ސްކޫލުގެ ދަރިވަރުން ހަރަކާތްތެރިވަނީ --- ފޮޓޯ/އާކް
އާކް އިން ހުޅުވި ލައިބްރަރީގައި ސަލާހުއްދީން ސްކޫލުގެ ދަރިވަރުން ހަރަކާތްތެރިވަނީ --- ފޮޓޯ/އާކް

ލައިބްރަރީގައި ހިމެނޭ އެކި ތަންތަން

- ޑައިލޮގް ޑެން: ޑައިލޮގް ޑެންއަކީ ގިނަކުދިން ގުޅިގެން ކުރިއަށް ގެންދަންޖެހޭ ގްރޫޕް މަސައްކަތްތައް ފަދަ ކަންކަން ކުރުމަށް ޑިޒައިން ކޮށްފައިވާ ތަނެކެވެ. އަދި ޓީވީ ވެސް ހިމެނޭ ގޮތަށް އެތަން ޑިޒައިންކޮށްފައިވަނީ ހިތްފަސޭހަ ތަނެއްގައި ތިބެގެން ގުޅިގެން މަސައްކަތްކޮށް، މުވާސަލާތު ކުރުމުގެ ހުނަރާއި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުން އަދި ޕްރެޒެންޓޭޝަން ދިނުމުގެ ހުނަރު ކުދިންނަށް ދަސްވާނެ ގޮތަށެވެ.

- ކާމް ކޯވް: ކާމް ކޯވްއަކީ ކުދިން އަމިއްލައަށް ފޯކަސް ކޮށްގެން ކިޔަން ބޭނުންވާ އެއްޗެހި ހަމަހިމޭންކަމާއެކު ކިޔޭނެ ގޮތަށް ފަރުމާކޮށްފައިވާ ކުޑަ ޖާގައެކެވެ.

- ލާނިން ލޮފްޓް: ލާނިން ލޮފްޓްއަކީ މުޅި ކްލާސްއެއްކޮށް އެއް ޖާގައެއްގައި ތަފާތު އަދި އިންޓަރެކްޓިވް ފިލާވަޅުތައް ނަގައިދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ސައުންޑް ޕްރޫފް ތަނެކެވެ. އެގޮތުން ފޮތް ކިޔުމަށާއި ވާހަކަ ކިޔައިދިނުމާއި ޕޮއެޓްރީ ރީޑިން އާއި ޑްރާމާ ފަދަ ކުދިންގެ އުފެއްދުންތެރިކަމާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވާނެ އަދި މުވާސަލާތު ކުރުމުގެ ހުނަރު އިތުރު ވާނެފަދަ ފިލާވަޅުތަކަށް އެތަން ބޭނުން ކުރެވޭނެ އެވެ.

- ސްޓާފް ސްޓޫޑިއޯ: ސްޓާފް ސްޓޫޑިއޯއަކީ ޓީޗަރުން ފިލާވަޅުތައް ތައްޔާރު ކުރުމާއި އެނޫން ވެސް އިދާރީ ކަންކަން ކުރުމަށް މަޑުކޮށްލައިގެން ތިބެވޭނެ ގޮތަށް ކުޑަ ބަދިގެއަކާއެކު ޑިޒައިން ކޮށްފައިވާ ތަނެކެވެ.

ކްލާހުގައި ދަސްކުރާ ފިލާވަޅުތަކުގެ އިތުރުން، ރީޑިން ރިޓްރީޓްއަކީ ކުދިންގެ މުސްތަގްބަލަށްޓަކައި އެ ކުދިންގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ކްރިޓިކަލް ތިންކިން އާއި މުވާސަލާތު ކުރުން އަދި ކިޔުމަށް ޝައުގުވެރިކަން އިތުރުކުރުމަށް ކޮށްފައިވާ މުހިއްމު އިންވެސްޓްމެންޓެއް ކަމަށް އާކްއިން ބުންޏެވެ.

އާކްއިން ބުނީ ކުދިން ވަކިވަކިން ދަސްކުރަންޖެހޭ ކަންކަމާއި ގްރޫޕް ސެޓިން އަދި މުޅި ކްލާސްރޫމް އެއްކޮށް ދަސްކުރަންޖެހޭ ކަންކަމަށް ވެސް ވަކިވަކި ސްޕޭސްތައް ޑިޒައިންކޮށްގެން ހުޅުވި އެ ލައިބްރަރީއަކީ ކުދިން ކަންކަން ދަސްކުރާ ތަންތަން ޒަމާނަށް ފެތޭގޮތަށް ބައްޓަން ކުރުމުގައި އެޅި މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި އެއީ ރާއްޖޭގެ އެހެން ސްކޫލްތަކުގައި ވެސް އެފަދަ ތަންތަން ޑިޒައިން ކުރުމަށް މަގުފަހިކުރުވާނެ ތަނެއް ކަމަށް ވެސް އެ ޖަމްއިއްޔާއިން ބުންޏެވެ. 

ސަލާހުއްދީން ސްކޫލުގައި ހުޅުވި "ރިޑިން ރޫމް" ގެ މަސައްކަތްތައް ކުރުމުގައި އެލިއާ އިންވެސްޓްމެންޓްސްއިން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކޮށް، އެ ކުންފުންޏަށް އެ ޖަމްއިއްޔާއިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މީގެ އިތުރުން ލައިބްރަރީ އިތުރަށް ފުރިހަމަކުރުމަށްޓަކައި ފޮތާއި އަދި އެހެނިހެން ތަކެތި ހަދިޔާކުރި ފަރާތްތަކާއި އަދި އެ ޕްރޮޮޖެކްޓްގައި އެހީތެރިވި ޓީމުގެ މަސައްކަތްތައް ވެސް އެ ޖަމްއިއްޔާއިން ފާހަގަކުރި އެވެ.