އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ)ގެ 42 ވަނަ އަހަރީ އާންމު ބައްދަލުވުމާއި ކޮންފަރެންސް ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ ކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނެފި އެވެ.
ބީއެމްއެލް އިން ބުނީ އެ ކޮންފަރެންސް ބާއްވާނީ ސެޕްޓެންބަރު މަހުގެ އެކަކުން ތިނަކަށް ކުރުނބާ މޯލްޑިވްސްގައި ކަމަށެވެ.
އެ ކޮންފަރެންސްގައި އޭބީއޭގެ މެންބަރު ގައުމުތަކުގެ ބޭންކުތަކުގެ ސީއީއޯއިންނާއި ސީނިއާ އެގްޒެކްޓިވުންގެ އިތުރުން މާލީ ދާއިރާގެ ބައިނަލްއަގުވާމީ މާހިރުން ބައިވެރިވެޑައިގަންނަވާނެ އެވެ. އެ ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ބޭންކިން އަދި ފައިނޭންޝަލް ދާއިރާގެ އިސްވެރިން އެއްތަނަކަށް އެއްވެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އައު ފުރުސަތުތަކުގެ އިތުރުން މާލީ ދާއިރާގެ މުސްތަގުބަލާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމެވެ.
މިއީ އޭބީއޭގެ ކޮންފަރެންސެއް ރާއްޖޭގައި ބާއްވާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2018 ވަނަ އަހަރުވެސް ބީއެމްއެލް އިން ވަނީ މި ކޮންފަރެންސް ރާއްޖޭގައި ކާމިޔާބުކަމާއެކު ބާއްވާފަ އެވެ. ދެ ވަނަ ފަހަރަށް މި ފުރުސަތު ބީއެމްއެލްއަށް ލިބުމަކީ އޭޝިއާގެ ބޭންކިންގެ ދާއިރާގައި އެ ބޭންކުގެ އިތުބާރާއި ލީޑަރޝިޕް ވަރުގަދަވަމުންދާކަމުގެ ހެއްކެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.
އެ ކޮންފަރެންސް ބީއެމްއެލް އިން ރާއްޖޭގައި ބާއްވާނެކަން ރަސްމީކޮށް އިއުލާންކުރީ މިދިޔަ އަހަރު ބޫޓާނުގައި ބޭއްވި އޭބީއޭގެ 41 ވަނަ ކޮންފަރެންސްގަ އެވެ. އެ ކޮންފަރެންސްގެ ތެރެއިން ބީއެމްއެލްއަށް ލިބުނު އަނެއް ބޮޑު ކާމިޔާބީއަކީ، އެ އެސޯސިއޭޝަންގެ ވައިސް ޗެއާމަންގެ މަގާމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އައްޔަންކުރުމެވެ.
އެ ކޮންފަރެންސްގައި ބައިވެރިވާން ރެޖިސްޓްރީ ކުރަން މިހާރު ވަނީ ހުޅުވައިލާފަ އެވެ.