ތަކެތީގެ އަގުބޮޑުވުމާއި ރައްޔިތުންނަށް ދިމާވާ އެހެނިހެން ދަތިތަކާ ގުޅިގެން މުޒާހަރާ ކުރަން އެމްޑީޕީން ނިންމާފައި ވަނިކޮށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކަމަށް މިރޭ ރައްދު ދެއްވައިފި އެވެ.

މިމަހުގެ 12 ވަނަ ދުވަހު އެމްޑީޕީން މުޒާހަރާ ކުރަން ނިންމާފައިވާކަން އިއުލާނު ކުރީ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ނަޝީދުގެ އެ ވާހަކަތަކަށް ރައްދު ދެއްވައި، މިނިސްޓަރު މިއަދު ސޯޝަލް މީޑިއާގައި އާންމު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް މަހުގެ 12 އަދި 13 ވަނަ ދުވަހަކީ އެމްޑީޕީން "ޓްރިގާ"ވާ ދުވަހެއް ކަމަށެވެ.

ތަކެތީގެ އަގު ބޮޑުވާ ކަމަށް ބުނެ ނަޝީދު ދެއްކެވި ވާހަކަތަކާ ގުޅިގެން ސައީދު ވަނީ މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ބޮޑުވެފައިވާ މިދުވަސްވަރުގައި ބޭރުގެ ގައުމުތަކުގައި ހުރި ތެލުގެ އަގުތަކާއި ރާއްޖޭގެ އަގުތައް އަޅާ ކިޔައިފަ އެވެ.

އެގޮތުން ޕެޓްރޯލް ލީޓަރެއް ރާއްޖޭގައި މިހާރު ހުރީ 16.01ރ. އަށް ކަމަށްވީ ނަމަވެސް ސިންގަޕޫރުގައި ޕެޓްރޯލް ލީޓަރެއް ލިބެނީ 40.09ރ. އަށް ކަމަށް ސައީދު ވިދާޅުވި އެވެ. އަދި ދުބާއީގައި 14.07ރ. އަށް ލީޓަރެއް ހުރިއިރު، އިންޑިއާގައި މިވަގުތު ޕެޓްރޯލް ލީޓަރެއް ހުރީ 18.08ރ. އަށް ކަން ވެސް ސައީދު ފާހަގަ ކުރެއްވި އެވެ. 

ސައީދު ވިދާޅުވީ ކުޑަކުދިންނަށް ދޭ ކިރުދަޅުގެ އަގު ވެސް ބޮޑުވި ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް، އޭގެ އެއް ބްރޭންޑް ކަމަށްވާ ލެކްޓޯޖެން އެންމެ ގިނައިން ރާއްޖެ އެތެރެކުރާ އެމްއެޗްއޭގައި މިވަގުތު 300 ގްރާމްގެ ދަޅެއް 130ރ. އަށް އެބަހުރި ކަމަށެވެ.

މީގެ އިތުރުން ބީފްގެ އަގު ބޮޑު ކަމަށް ނަޝީދު ވިދާޅުވިއިރު، ތަފާތު ވައްތަރުގެ މަސް ހުންނަ ކަމަށާއި އަދި ކޮލެޓީއާއެކު މަސް ކޮށާފައި ހުންނަ ގޮތުންނާއި އެތެރެކުރާ ގައުމެއްގެ ގޮތުން ވެސް ވެސް އަގު ބޮޑުވުމަކީ ވެދާނެ ކަމެއް ކަމަށް ސައީދު ވިދާޅުވި އެވެ. އަދި އާންމުން ގިނައިން ބޭނުންކުރާ ބީފް ވެސް އެފަދަ ބީފްއާ ތަފާތުވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު އިތުރަށް ވިދާޅުވީ އިދިކޮޅު އެމްޑީޕީން އަބަދުވެސް ބޭނުންވަނީ ރައްޔިތުންނަށް "ލަނޑު ދިނުން" ކަމަށެވެ. އެފަދަ ވާހަކަތައް ދައްކަނީ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރަން އެތައް މަސައްކަތްތަކެއް މި ސަރުކާރުން ކުރާއިރު އެއިން އެއްވެސް ކަމެއް އެމްޑީޕީން ބަލައިނުގަންނަ ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި ދިވެހި ފައިސާގެ އަގު ވެއްޓި، ރާއްޖޭގެ ދަރަނި އިތުރުވެފައި ވަނިކޮށް އޭގެ ތެރެއިން ގިނަ ދަރަނިތައް ދެއްކީ ވެސް މި ސަރުކާރުން ކަމަށް އޭނާ ވިދާޅުވި އެވެ.