ކުންފުނިތަކާއި، މުއައްސަސާތަކުގެ މުވައްޒަފުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމާއި ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އާލާކުރުމުގެ މަގްސަދުގައި ވީރަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި ރާއްޖޭގެ ފުރަތަމަ ކޯޕަރޭޓް ރަން "ބީއެމްއެލް ވީރަން - ކޯޕަރޭޓްސް" މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގައި ބާއްވައިފި އެވެ.
ވީރަން މޯލްޑިވްސް އިން އިންތިޒާމުކުރި މި ހަރަކާތަކީ ބީއެމްއެލްއާއެކު ވެވިފައިވާ ޕާޓްނަޝިޕްގެ ދަށުން އެ ބޭންކުން އެހީތެރިކަން ފޯރުކޮށްދީގެން ބޭއްވި ހަރަކާތެކެވެ. އެ ކޯޕަރޭޓް ރިލޭ ރޭހަކީ ރާއްޖޭގައި ހަރަކާތްތެރިވާ ކުންފުނިތަކާއި، އިދާރާތަކާއި، ޖަމިއްޔާތަކަށް ހާއްސަކޮށްގެން، ކޮންމެ ބައިވެރިޔަކު އެއް ކިލޯމީޓަރު ދުވާ ގޮތަށް، ފަސް ދުވުންތެރިންގެ މައްޗަށް އެކުލެވޭ ރިލޭ ރޭހެކެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ބޭއްވުނު އެންމެ ފުރަތަމަ ކޯޕަރޭޓް ރިލޭ ރޭހެވެ. މިއީ ރޭސް ނިންމުމަށް ހޭދަވާ ވަގުތު ބެލުމަށް ޗިޕެއް ރިލޭގެ ބެޓަންގެ އެތެރޭގައި ހިމަނައިގެން ރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ ހަރަކާތް ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.
މި ދުވުމުގައި 18 ޓީމަކުން ބައިވެރިވި އެވެ. އޭގެ ތެރޭގައި 11 ފިރިހެން ޓީމާއި ހަތް އަންހެން ޓީމު ހިމެނެ އެވެ.
ޗެމްޕިއަން އަށް ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން އާއި 1 ވަނަ ރަނައަޕް އަށް ރަން އިން މޯޑް އެތްލެޓިކްސް ދިޔަ އިރު 2 ވަނަ ރަނައަޕް އަށް ދިޔައީ ބޭންކް އޮފް މޯލްޑިވްސް އެވެ.
އަންހެނުންގެ ޗެމްޕިއަންކަން ހޯދީ ރަ އިންމޯޑް އެތުލެޓިކްސް އެވެ. އަދި 1 ވަނަ ރަނައަޕް އަކަށް ގޮސްފައިވަނީ ކްރޮސް ރޯޑްސް އައިލެންޑް ސްޕްރިންޓާސް އެވެ. ދެ ވަނަ ރަނަ އަޕް އަކަށް ދިޔައީ އޭޑީކޭ ސިނާޖީ އެވެ.
ބީއެމްއެލް އިން ބުނީ، އެ ބޭންކުން އަންނަނީ ރާއްޖޭގެ ތަރައްގީއަށް މުހިންމު މަޝްރޫއުތަކާއި އިޖުތިމާއީ ކުރިއެރުމަށް މަގުފަހިކޮށްދޭ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. ހާއްސަކޮށް މުޅި ރާއްޖޭގައި ކުޅިވަރުގެ ރޫހު ދިރުވައި އާލާކޮށް، ހަށިހެޔޮ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ބޭންކުން މެދުކެނޑުމެއް ނެތި ގިނަ ޕްރޮގްރާމްތަކަކަށްވެސް އެހީވަމުން އަންނަ ކަމަށް އެ ބޭންކުން ބުންޏެވެ.