މި އަހަރުގެ ފުރަތަމަ ހަ މަހު ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކަށް ބޭންކުން 478 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވާ ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ، ޓީޓީ މެދުވެރިކޮށް ފައިސާ ފޮނުވަން އެހީތެރިވުމުގެ ގޮތުން އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ބޭންކުން 166 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރަށް ފޮނުވި 311،722 ރެމިޓެންސް މުއާމަލާތް ހިމެނެ އެވެ.

އެއީ މިދިޔަ އަހަރަށް ވުރެ 20 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރު ބީއެމްއެލް އިން 261،168 މުއާމަލާތް ހިންގާފައިވެ އެވެ.

ކްރެޑިޓް އަދި ޑެބިޓް ކާޑުން ކުރާ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް އަހަރުގެ ފުރަތަމަ ހަ މަހު ބޭންކުން ވަނީ 226 މިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދީފަ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ފޯރުކޮށްދިން އަދަދަށް ވުރެ 29 ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު، ކްރެޑިޓާއި ޑެބިޓް ކާޑުތަކުން ހިންގާ ބޭރުގެ މުއާމަލާތްތަކަށް ބޭންކުން ފޯރުކޮށްދިނީ 175 މިލިއަން ޑޮލަރެވެ.

ބޭންކުން ބުނީ މިދިޔަ ހަ މަހު އެވްރެޖްކޮށް މަހެއްގެ މައްޗަށް 80 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށެވެ. އެއީ މިދިޔަ އަހަރަށް ވުރެ 30 ޕަސެންޓްގެ އިތުރުވުމެކެވެ. 

މިދިޔަ އަހަރު ބީއެމްއެލް އިން ވަނީ އެކި ބޭނުންތަކަށް 660 އަށް ވުރެ ގިނަ ޑޮލަރު ވިއްކައިފަ އެވެ. އޭގެ ތެރޭގައި އާންމު ފަރުދުންގެ އެކިއެކި ބޭނުންތަކަށް ކްރެޑިޓް އަދި ޑެބިޓް ކާޑުތަކަށް 390 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ.