މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މެޖޯރިޓީ ހިއްސާ ސަރުކާރަށް ވިއްކަން "ރައިޓްސް އިޝޫ" އަަކަށް ހުޅުވާލަން އެ ކުންފުނީގެ ބޯޑުން ހުއްދަ ދީފި އެވެ.

ރައިޓްސް އިޝޫ އަކަށް ހުޅުވާލުމަކީ ކުންފުންޏެއްގެ ހިއްސާދާރުންނަށް އެކަނި ގަނެވޭ ގޮތަށް ހިއްސާ ވިއްކާލަން ހުޅުވާލުމެވެ. އެގޮތަށް ހުޅުވާލާއިރު ހިއްސާދާރުންނަށް އާ ހިއްސާ ގަނެވޭނީ ކުރިން ހިއްސާ އޮތް ނިސްބަތުންނެވެ. 

އެމްޓީޑީސީގައި މިހާރު އޮންނަނީ އާއްމުންގެ 53 ޕަސެންޓް ހިއްސާ އަދި ސަރުކާރުގެ 47 ޕަސެންޓް ހިއްސާ އެވެ. 

ރައިޓްސް އިޝޫއަށް ހުޅުވާލައިފި ނަމަ ހިއްސާގެ ބޮޑު ބައެއް ގަތުމުގެ ފުރުސަތު ސަރުކާރަށް އޮންނާނެ އެވެ. 

އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު "މިހާރު" އަށް މިއަދު ވިދާޅުވީ ރައިޓްސް އިޝޫއަކަށް ދާން ބޯޑުން ހުއްދަ ދިނީ އެ ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރަން ކަމަށެވެ.

އެ ނިންމުން ބޯޑުން ނިންމި ނަމަވެސް މަރުހަލާތައް ކުރިއަށް ގެންދާނީ ސީއެމްޑީއޭ އާއި ސްޓޮކް އެކްސްޗޭންޖުގެ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށް ހާރިސް ވިދާޅުވި އެވެ. 

"މިއީ އެމްޓީޑީސީއަށް ކުރިމަތިވެފައި އޮތް މާލީ މައްސަލަތައް ހައްލުކޮށް ކުންފުނި ހަރުދަނާ ކުރަން، ބޯޑުން ނިންމި ނިންމުމެެއް. ސަރުކާރުން ބޭނުންވަނީ އެމްޓީޑީސީއަކީ ރަނގަޅަށް ހިންގާ، ފައިދާ ނެރެވޭ ތަނަކަށް ހަދަން،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެމްޓީޑީސީގެ މެޖޯރިޓީ ހިއްސާ ސަރުކާރަށް ވިއްކަން "ރައިޓްސް އިޝޫ" އަަކަށް ހުޅުވާލައި އެކަން ކުރާނީ އެ ކުންފުނީގެ ހިއްސާދާރުންނާއި ސަރުކާރަށް ވެސް "އީކުއަލް ރައިޓްސް" ލިބޭ ގޮތަށް ކަމަށެވެ. 

"އެމްޓީޑީސީއަކީ ލިސްޓެޑް ކުންފުންޏަކަށް ވާތީ ވަރަށް ބޮޑަށް ދެފުށް ފެންނަ ގޮތަށް މިކަން ދާނީ. ގާނޫނުގެ އުސޫލުން އަޅުގަނޑުމެން ބޭރެއް ނުވާނަން،" އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ މިދިޔަ ޖުލައި 28 ގައި ހަވާލުވެވަޑައިގެންނެވި ހާރިސް ވިދާޅުވި އެވެ.  

އޭނާ ވިދާޅު ގޮތުގައި "ރައިޓްސް އިޝޫ" އަކަށް ދާން އެ ކުންފުނިން މަސައްކަތް ކުރާތާ އަހަރެއްހާ ދުވަސް ވެއްޖެ އެވެ. 

އެމްޓީޑީސީއަކީ ސަރުކާރާއި އާއްމު ވިޔަފާރިވެރިންގެ ހިއްސާ އޮންނަ ގޮތަށް ރިސޯޓް ހިންގަން ކުރީގެ ރއީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި އުފެއްދި ކުންފުންޏެކެވެ. 

އެމްޓީޑީސީގައި އޮންނަ ސަރުކާރުގެ ހިއްސާ ބޮޑުކުރަން ބޯޑުން ހުއްދަ ދިނީ އެ ކުންފުނީގެ ދަށުގައި އޮންނަ ގދ. މަގުއްދުއާ ނުއަގުގައި ވިއްކާލަން އުޅޭ ކަމަށް އަޑު ފެތުރި، އެ ކުންފުނިން އެކަން ދޮގުކޮށްފައި ވަނިކޮށެެވެ.

އެމްޓީޑީސީން ކުރިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހދ. ނާގޯށި، ގދ.މަގުއްދުވާ، ބ. ކިހަވައްހުރަވަޅީގެ ހެޑްލީޒް ހައްގުތައް ނުވަތަ ހެޑްލީޒްއާ ގުޅުން ހުރި އެންމެހާ ހައްގުގެ އެއްވެސް މިންވަރެއް ވިއްކުމަށް ނުވަތަ ދޫކުރުމަށް ވެސް ނިންމާފައި ނުވާ ކަމަށެވެ. 

އެފަދަ ކަމަކާ ގުޅޭ އެއްވެސް މަޝްވަރާއެއް ވެސް ކުރަމުން ނުދާ ކަމަށް ވެސް އެމްޓީޑީސީން އޭރު ބުންޏެވެ.

އެމްޓީޑީސީން ބުނީ، ކުރިއަށް އޮތްތަނުގައި ވެސް ގާނޫނުތަކާއި ގަވާއިދުތަކާއި ލިސްޓިން ރޫލްސްތަކާ އެއްގޮތަށް، ހާމަކުރަން ޖެހޭ ކަންކަން ހާމަކުރަމުންދާނެ ކަމަށެވެ.

އެމްޓީޑީސީން އެ ރަށް ސަބްލީޒް ކޮށްފައިވަނީ 2007 ވަނަ އަހަރު އަހްމެޓް އައިދެނިޒް އަކަށެވެ. އަދި އަޔާޑާގެ ނަމުގައި އެ ރިސޯޓު ހުޅުވާފައިވަނީ 2011 ވަނަ އަހަރު އެވެ. އެއީ ފަސް ތަރީގެ ރިސޯޓެކެެވެ.

އަޔާޑާ ރިސޯޓުގެ އިތުރުން އެމްޓީޑީސީން ސަބްލީޒްކޮށްފައިވާ އަނެއް ރަށަކީ ބ. ކިހަވައްހުރަވަޅި އެވެ. އެ ރިސޯޓު މައިނާ އިންޓަނަނޭޝަނަލްއަށް ސަބްލީޒް ކޮށްފައިވަނީ 2007 ވަނަ އަހަރު އެވެ. އެ ތަނުގައި އަނަންތާރާ ކިހާވަށް ވިލާސް 2010 ވަނަ އަހަރު ހުޅުވައި، އަންނަނީ ހިންގަމުންނެވެ. 

އެ ދެ ރަށުގެ އިތުރުން ނާގޯށީގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް 2007 ވަނަ އަހަރުން ފެށިގެން އެމްޓީޑީސީން އަންނަނީ ކުރަމުންނެވެ. އެ ރަށް ނުހެދި ލަސްވުމުން އެންމެ ފުރަތަމަ ސަބްލީޒް ކުރި ފަރާތާ އެކު ހެދި އެގްރީމެންޓް ބާތިލުކޮށް 2021 ވަނަ އަހަރު އަނެއްކާ ވަނީ ގްލޯބަލް ރިސޯޓްސް ކިޔާ ކުންފުންޏަކަށް ސަބްލީޒްކޮށްފަ އެވެ.