"ސާކް-އޭއޭ 2026" ކޮންފަރެންސްގެ ރަސްމީ ޕްރީ-ކޮންފަރެންސް ވޯކްޝޮޕް، ޓްރީ ޓޮޕް ހޮސްޕިޓަލުން ބާއްވައިފި އެވެ.
އެ ކޮންފަރެންސާ ގުޅޭ ވޯކްޝޮޕް ބޭއްވީ މި މަހުގެ 14 ގަ އެވެ.
"އެޑްވާންސްޑް އިންޓަވެންޝަންސް އިން ކްރޮނިކް ޕެއިން މެނޭޖްމަންޓް" ގެ ނަމުގައި ކުރިއަށް ގެންދިޔަ އެ ވޯކްޝޮޕަކީ، ބައިނަލްއަގުވާމީ ފެންވަރުގެ ތަޖުރިބާކާރުންނާއި ސަރަހައްދީ ސިއްހީ ހިދުމަތްތެރިން އެއްތަނަކުން ބައްދަލުވެ، އަމަލީ ތަޖުރިބާ އާއި އިލްމު ހިއްސާކުރުމަށް ފުރިހަމަ ފުރުސަތެއް ފަހިވެގެންދިޔަ ހަރަކާތެއް ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.
އެ ހޮސްޕިޓަލުން ބުނީ ދިގުމުއްދަތަކަށް ވޭން ތަހައްމަލުކުރަމުންދާ ބަލިތަކަށް ފަރުވާދިނުމުގައި ގެންގުޅޭ ޒަމާނީ އުކުޅުތަކާއި، ބަލިމީހުންގެ ހާލަތަށް ހާއްސަ އިސްކަމެއްދީގެން ފަރުވާ ދިނުމުގެ ނިޒާމުތަކުގެ އިތުރުން، އެ ދާއިރާއަށް ތައާރަފުވަމުން އަންނަ އާ ޓެކްނޮލޮޖީތަކާ ގުޅޭ ގޮތުން އެ ވޯކްޝޮޕްގައި މަޝްވަރާކޮށް މައުލޫމާތު ބަދަލުކުރި ކަމަށެވެ.
ދުނިޔޭގެ ފެންވަރުގެ މާހިރުންނާ ސީދާ މުއާމަލާތުކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދިޔަ އެ ވޯކްޝޮޕްގެ ސަބަބުން، ދެކުނު އޭޝިއާ ސަރަހައްދުގެ ސިއްހީ މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުމުގެ މަގު ފަހިވެ، ކްލިނިކަލް ހިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރީދަރް ޖީ ވިދާޅުވީ، އެ ވޯކްޝޮޕް ބޭއްވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، މިއީ ބައިނަލްއަގްވާމީ ފެންވަރުގައި ތަޖުރިބާ ހިއްސާކުރުމަށް ލިބުނު އަގުހުރި ފުރުސަތެއް ކަމަށެވެ.
މިއީ ރާއްޖޭގައި މިގޮތަށް ބޭއްވި ފުރަތަމަ ކޮންފަރެންސް ކަމަށްވާ، އއ. އުކުޅަހުގައި ބޭއްވި "ސާކް-އޭއޭ 2026" ކޮންފަރެންސަށް މަގުފަހިކޮށްދިން މުހިންމު ފެށުމެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ މަގުސަދަކީ ދިވެހިން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުކޮށް، ސިއްހީ ހަރަދުތައް ކުޑަކޮށްދިނުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި ތަޖުރިބާކާރު ޑޮކްޓަރުންނާ އެކު، ސިއްހީ ގިނަ ހިދުމަތްތަކެއް އެ ހޮސްޕިޓަލުން ފޯރުކޮށްދެ އެވެ.