ބޭސްފަރުވާގެ ހަރަދު ކުރުމަށް ދަތިވާ މީހުން ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކުގައި އެޑްމިޓް ވެގެން ހޯދާފައިވާ ފަރުވާތަކަށް ސަރުކާރުގެ ހިލޭ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް މި އަހަރުގެ އޭޕްރީލް މަހު 8 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެންސްޕާ އިން މިއަދު ބުނެފި އެވެ.

އެ އިދާރާ އިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ހޯދާފައިވާ ފަރުވާތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާކުރުމަށް އޭޕްރީލްގައި ވަނީ 3.6 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އަދި ޓްރީޓޮޕް ހޮސްޕިޓަލު މެދުވެރިކޮށް ފަރުވާކުރުމަށް އެހީގެ ގޮތުގައި 4.6 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެންސްޕާ އިން ބުންޏެވެ. 

އޭޑީކޭ މެދުވެރިކޮށް ހޯދި ފަރުވާތަކުގެ ތެރެއިން އެންމެ ގިނައިން އެހީ ދޫކޮށްފައި ވަނީ ކަރުންމަތީގެ ބަލިތަކަށެވެ. އެގޮތުން 23 މީހަކަށް 608،381ރ. ދޫކުރި އެވެ. އެހެނިހެން ބަލީގެ 21 މީހަކަށް 585،731ރ. ދޫކޮށްފައިވާއިރު ކަށީގެ ބަލީގެ 27 މީހަކަށް 552،961ރ. ދޫކޮށްފައިވާ ކަމަށް ވެސް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. 

އޭޑީކޭ އިން ފަރުވާ ހޯދި މީހުންގެ ތެރެއިން ފައިސާގެ އެހީވި ދާއިރާތަކާއި އެމީހުންނަށް ކުރި ހަރަދު.
އޭޑީކޭ އިން ފަރުވާ ހޯދި މީހުންގެ ތެރެއިން ފައިސާގެ އެހީވި ދާއިރާތަކާއި އެމީހުންނަށް ކުރި ހަރަދު.

އެންސްޕާ އިން ވަނީ އޭޑީކޭ އިން ކާޑިއީވެސްކިއުލާގެ 16 ކޭސްއަކާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ 12 މީހަކާއި ވިހެއުމާ ގުޅޭ 31 ކޭސްއެއްގައި ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި އަންހެނުންގެ ބަލިތަކާއި މައިބަދަ/ނާރުގެ ބަލިތަކާއި ގޭސްޓްރޯއިންޓެސްޓިނަލް އާއި ކުޑަކުދިންގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމު/ ކިޑްނީގެ ބަލިތަކާއި ކެންސަރު ބަލީގެ މީހުންނަށް ވެސް އެހީގެ ފައިސާ ދޫކޮށްފަ އެވެ. 

ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާކުރުމަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާއިރު އެންމެ ގިނައިން އެހީ ދޫކޮށްފައި ވަނީ ކަށީގެ ބަލިތަކަށް ފަރުވާ ކުރުމަށެވެ. އެގޮތުން 51 މީހަކަށް 1.2 މިލިއަން ރުފިޔާ ކަށީގެ ބައްޔަށް ފަރުވާކުރުމަށް ދޫކޮށްފައިވެ އެވެ. ޓްރީޓޮޕުން ފަރުވާ ހޯދި، އެހެނިހެން ބަލީގެ 51 މީހަކަށް ވެސް 627،666ރ. ރުފިޔާ ވަނީ އެންސްޕާ އިން ދޫކޮށްފަ އެވެ. 

ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދި މީހުންގެ ތެރެއިން ފައިސާގެ އެހީވި ދާއިރާތަކާއި އެމީހުންނަށް ކުރި ހަރަދު.
ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދި މީހުންގެ ތެރެއިން ފައިސާގެ އެހީވި ދާއިރާތަކާއި އެމީހުންނަށް ކުރި ހަރަދު.

ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދި މީހުންގެ ތެރެއިން އެންސްޕާ އިން ތިން ވަނައަށް އެންމެ ގިނަ އެހީވެފައި ވަނީ ވިހެއުމުގެ ކަންކަމަށެވެ. ޖުމުލަ 40 މީހަކު ވިހެއުމަށް 605،552ރ. ގެ އެހީ ދޫކޮށްފައިވެ އެވެ.

އެ ހޮސްޕިޓަލުން ވެސް ކަރުންމަތީގެ ބަލިތަކާއި މައިބަދަ އާއި ނާރުގެ ބަލިތަކާއި އަންހެނުންގެ ބަލިތައް އަދި ކުޑަކުދިންގެ ބަލިތަކާއި ގޭސްޓްރޯއިންޓްސްޓިނަލް ބައްޔަށް މީހުން ފަރުވާ ހޯދާފައިވާއިރު އެކަމަށް ގިނަ އަދަދެއްގެ ފައިސާ އެންސްޕާ އިން ދޫކޮށްފައިވެ އެވެ.