ރާއްޖެ އިޝްތިހާރު ކުރުމަށް އުފައްދާފައިވާ ވިޒިޓް މޯލްޑިވްސް އިން ގަތަރު އެއާވޭސް އާއި އެމިރޭޓްސްއާ އެކު ހާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި މަހު ދުބާއީގައި ކުރިއަށްދިޔަ އެރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގައި ބައިވެރިވުމަށް ފަހު، ނެރުނު ނޫސްބަޔާނުަގައިވާ ގޮތުން ބައިނަލްއަގްވާމީ ބޮޑެތި އެއާލައިންތަކާ އެކު ވެވުނު އެއްބަސްވުންތަކާ އެކު ރާއްޖެ އިޝްތިހާރުކުރުމާއި، ޓްރެވަލް ޓްރޭޑްގެ ހަރަކާތްތަކާއި، ފެމިލިއަރައިޒޭޝަން ހަރަކާތްތައް ހިންގުމުގައި ގުޅިގެން މަސައްކަތް ކުރެވޭނެ އެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ، ގަތަރު އެއާވޭސްއާ އެކު ވީ އެއްބަސްވުމަކީ އޮކްޓޯބަރު މަހުން ފެށިގެން އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގެ ޖާގަ އިތުރުކުރުމަށް ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައި ވެވުނު އެއްބަސްވުމެއް ކަމަށެވެ. މިއީ ދޯހާ މަގުން ރާއްޖެއަށް އޮންނަ ފްލައިޓްތައް އިތުރަށް ވަރުގަދަވެ، ގަތަރު އެއާވޭސްގެ ބައިނަލްއަގްވާމީ ފުޅާ ވިއުގަ މެދުވެރިކޮށް ރާއްޖެއަށް ޓޫރިސްޓުން އައުމަށް ފަސޭހަވާނެ އެއްބަސްވުމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާސިރު ވިދާޅުވީ، އޭޓީއެމްގެ ތެރެއިން މެދުއިރުމަތީގެ މަންޒިލްތަކުގައި ރާއްޖެ އިތުރަށް އިޝްތިހާރު ކުރެވިފައިވާ ކަމަށެވެ.

މެދުއިރުމައްޗަކީ ރާއްޖެއަށް މުހިންމު މާކެޓެކެވެ. ވިޒިޓް މޯލްޑިވްސް އިން ބުނީ، ޔޫއޭއީ އަދި ސައުދީ އަރަބިއްޔާއަކީ އިތުރު ކުރިއެރުމަށް ރަނގަޅު ފުރުސަތުތަކެއް އޮތް ދެ ގައުމު ކަމަށެވެ. ރާއްޖެއަށް ޓޫރިސްޓުން އަންނަ މައި މާކެޓުތަކުގެ ގޮތުގައި އޮތުމުގެ އިތުރުން، ޔޫރަޕާއި އެހެނިހެން ބައިނަލްއަގުވާމީ މާކެޓުތަކުން ރާއްޖެއަށް ދަތުރުކުރާ ފަރާތްތައް ގުޅުވައިދިނުމުގައި ވެސް ގަލްފުގެ ވައިގެ ދަތުރުފަތުރުގެ މައި މަރުކަޒުތައް މުހިންމު ދައުރެއް އަދާކުރެ އެވެ.

އޭޓީއެމްގައި ޓޫރިޒަމް ދާއިރާގެ 74 ކުންފުންޏަކުން 165 މަންދޫބުން ބައިވެރިވިއިރު، މީގެ އިތުރުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނާއި، އެކުވެރި އަރަބި އިމާރާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަންދޫބުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.