މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެން، އެ ސަރަހައްދުގެ ވައިގެ ސަރަހައްދު ބަންދުކުރަންޖެހި، ވައިގެ އުދުހުންތަކަށް ބުރޫ އެރުމާ ގުޅިގެން، އެމިރޭޓްސް އާއި ގަތަރު އެއާވޭސްގެ ހަބެއްގެ ގޮތުގައި މައްތަލަ އެއާޕޯޓު ވަގުތީ ގޮތުން ބޭނުންކުރަން ސްރީ ލަންކާ ސަރުކާރުން ހުށަހަޅައިފި އެވެ.

އޭޝިޔާގެ ގައުމުތަކާއި ޔޫރަޕު ގުޅުވައިދޭ މައި ހަބުތައް ހަނގުރާމައާ އެކު ގާތްގަނޑަކަށް ހުއްޓިފައިވާއިރު، އެ ސަރަހައްދުގެ އެމިރޭޓްސް އާއި ގަތަރު އެއާވޭސް ފަދަ މައި އެއާލައިންތަކުން ވަނީ ގިނަ ފްލައިޓުތައް ކެންސަލްކޮށްފަ އެވެ.

ލަންކާގެ ޑެއިލީ މިރާ ނޫހުން ބުނި ގޮތުގައި، ލަންކާގެ ދެކުނުގައި އޮންނަ މައްތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓު ޓްރާންސިޓް ހަބެއްގެ ގޮތުގައި ވަގުތީ ގޮތުން ބޭނުންކުރުމުގެ ޝައުގުވެރިކަން އެމިރޭޓްސް އާއި ގަތަރު އެއާވޭސްއިން ވަނީ ފާޅުކޮށްފަ އެވެ. އަދި އެކަމުގެ މަޝްވަރާތައް ލަންކާ ސަރުކާރުން މިހާރު އިސްވެ ފަށައިގެން ކުރިއަށްދާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

ލަންކާގެ ދެކުނުގައި އޮންނަ އެއާޕޯޓަކީ ސަރަހައްދީ ގޮތުން ބަލާއިރު، ޓްރާންސިޓް ހަބެއްގެ ގޮތުގައި ބޭނުންކުރަން ވަރަށް ރައްކާތެރި އިހުތިޔާރެއް ކަމަށް ލަންކާއިން ގަބޫލުކުރެ އެވެ. މިގޮތުން، މެދުއިރުމައްޗާއި ޔޫރަޕާއި އޭޝިޔާ އަދި އޮސްޓްރޭލިއާ ގުޅުވައި ދިނުމުގައި މައްތަލަ އެއާޕޯޓަކީ މިވަގުތަށް އޮތް ވަރަށް ރަނގަޅު ހައްލެއްގެ ގޮތުގައި ވަނީ ވިސްނައިފަ އެވެ.

އަދި އެ އެއާޕޯޓުގައި 3،500 މީޓަރުގެ ރަންވޭއާ އެކު، ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާބޯޓުތަކަށް ވެސް ހިދުމަތް ދެވުމަކީ އިތުރު ފައިދާއެކެވެ.

ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި 2013 ވަނަ އަހަރު ހުޅުވި މައްތަލަ އެއާޕޯޓުގެ މާބޮޑު ބޭނުމެއް ނުހިފެ އެވެ. އެތަނަށް ފްލައިޓުތައް އިތުރުކުރަން އެކި ސަރުކާރުތަކުން ކުރި މަސައްކަތް ވެސް ވަނީ ނާކާމިޔާބުވެފަ އެވެ. 

ފޯބްސްއިން އެކުލަވައިލި ދުނިޔޭގެ އެންމެ ފަޅު އެއާޕޯޓުތަކުގެ ލިސްޓުގައި ވެސް މައްތަލަ އެއާޕޯޓު ވަނީ ހިމެނިފަ އެވެ.