މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެން ވައިގެ ސަރަހައްދު ބަންދުކުރަންޖެހި، ދަތުރުތަކަށް ބުރޫއަރާފައިވާތީ އެ ސަރަހައްދުގެ އެއާލައިންތަކުން ހަބެއްގެ ގޮތުގައި ސްރީ ލަންކާގެ މައްތަލަ އެއާޕޯޓް ބޭނުންކުރުމަށް އެ ގައުމުން ހުށަހެޅުން މިހާތަނަށް ތިން އެއާލައިނަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ބުނެފި އެވެ.
ލަންކާގެ ޑެއިލީ މިރާ ނޫހުން އޮފިޝަލަކާ ހަވާލާދީ ބުނި ގޮތުގައި މި ހުށަހެޅުން ހުށަހަޅާފައިވަނީ އެމިރޭޓްސް، ގަތަރު އެއާވޭސް އަދި އިއްތިހާދު އެއާވޭސް އިންނެވެ.
ހަބެއްގެ ގޮތުގައި، މައްތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓް އެމިރޭޓްސް އާއި ގަތަރު އެއާވޭސް ފަދަ މެދުއިރުމަތީގެ އެއާލައިންތަކުން ބޭނުންކުރުމަށް ލަންކާއިން ހުށަހެޅިކަން ހާމަކުރީ މިދިޔަ ހަފްތާގަ އެވެ. ލަންކާގެ
އޮފިޝަލް ވިދާޅުވެފައިވަނީ ކަމާބެހޭ ފަރާތްތަކުން މިހާރު އަންނަނީ އެ ހުށަހެޅުން ދިރާސާކުރަމުން ކަމަށެވެ.
އީރާނަށް އެމެރިކާ އާއި އިޒްރޭލުން ހަމަލާދޭން ފެށުމުން ރައްދުގައި އީރާނުން ސަރަހައްދުގެ ގައުމުތަކަށް ދޭ ހަމަލާތަކާ އެކު މެދުއިރުމަތީގެ ވައިގެ ސަރަހައްދުތައް ވަނީ ބަންދުވެފަ އެވެ.
އޮފިޝަލް ވިދާޅުވީ ފޮރިން މިނިސްޓްރީ އާއި ކަމާބެހޭ ޑިޕްލޮމެޓިކް މިޝަންތައް ގުޅިގެން މިހާރު އަންނަނީ އެ ހުށަހެޅުން ވަޒަންކުރަމުން ކަމަށެވެ.
ނަމަވެސް އޭނާ ވިދާޅުވީ "ލޯންގް ހޯލް" ދަތުރުތަކަށް މައްތަލަ އެއާޕޯޓް ބޭނުންކުރާ ނަމަ، ބޯޓުތައް ޕާކުކުރުމަށް އެ އެއާޕޯޓުގައި ހުރީ މަދު ވަސީލަތްތަކެއް ކަމަށެވެ.
"މީގެ އިތުރުން، އެ އެއާލައިންތަކަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރަން ޖެހޭ. އޭގެ ތެރޭގައި އެ ފަރާތްތަކުގެ އިންޖިނިއަރިން ހިދުމަތްތަކާއި، ކޭޓަރިން ހިދުމަތްތައް ފަދަ ކަންކަން ހިމެނޭ،" އޭނާ ވިދާޅުވިއެވެ.
މައްތަލަ އެއާޕޯޓުގެ 3،500 މީޓަރުގެ ރަންވޭއަކީ، ގަލްފުގެ އެއާލައިންތަކުގެ ފްލީޓްގައި މައިގަނޑު ގޮތެއްގައި ހިމެނޭ އެއާބަސް އޭ350، ބޯއިން 777 އަދި އޭ380 ފަދަ ބޮޑެތި ބޯޓުތަކަށް ޖެއްސޭނެ ފެންވަރުގެ ރަންވޭއެކެވެ.
ސްރީލަންކާގެ މައްތަލަ އެއާޕޯޓް ހަދަން ގާތްގަނޑަކަށް 247.7 - 209 މިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ ހަރަދުކުރި އެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 190 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި އެއާޕޯޓު ހުޅުވާފައިވަނީ 2013 ވަނަ އަހަރު އެވެ. މިހާރު މި އެއާޕޯޓު ބޭނުންކުރަނީ ވަރަށް މަދު ފްލައިޓް އޮޕަރޭޝަންތަކަކަށެވެ. ރަޝިޔާގެ ބައެއް އެއާލައިންތަކުން ފަތުރުވެރިން ގެނައުމަށް ޗާޓަރު ފްލައިޓްތައް މި އެއާޕޯޓަށް ބާއްވަ އެވެ.