މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދަތުރުފަތުރުކުރަން ޖެހިލުންވެފައިވާ ޓޫރިސްޓުން އަލުން ހޯދުމަށް، ޔޫއޭއީގެ އެންމެ ބޮޑު ދެ އެއާލައިނުން ވަރުގަދަ ޓްރެވަލް އިންޝުއަރެންސް ޕެކޭޖުތަކެއް ތައާރަފުކޮށްފި އެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދޭން ފެށުމާ އެކު ފެށުނު މި ހަނގުރާމައިގެ ސަބަބުން، އެ ސަރަހައްދުގެ ވައިގެ ދަތުރުފަތުރަށާއި ގަލްފުގެ ބޮޑެތި އެއާލައިންތަކުގެ ހިންގުމަށް ވަރަށް ބޮޑަށް ބުރޫއެރި އެވެ.
ދުބާއީގެ އެންމެ ވަރުގަދަ އެއާލައިން ކަމަށްވާ އެމިރޭޓްސް އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނިން ތައާރަފުކުރި އިންޝުއަރެންސްގައި ބަލިތަކަށް ފަރުވާކުރުމުގެ އިތުރުން، ހަނގުރާމައިގެ ސަބަބުން ދިމާވާ ކަންކަމާއި، ފްލައިޓް ކެންސަލްވުމާއި، ޑިލޭވުމާއި، ލަގެޖް ގެއްލުމުގެ އިތުރުން ކުއްލި ހާލަތްތަކުގައި މީހުން ސަލާމަތްކޮށްގެން އިވެކުއޭޓްކުރުން ފަދަ ކަންކަމުގައި ވެސް އެހީ ލިބޭނެ ކަމަށެވެ.
އެމިރޭޓްސްގެ ރައީސް ޓިމް ކްލާކް އެ ބަޔާނުގައި ވިދާޅުވީ، އެއާލައިންގެ ބޭނުމަކީ ޓޫރިސްޓުންގެ މައި މަރުކަޒެއް ކަމަށްވާ ދުބާއީއަށް ދަތުރުތައް ރޭވުމުގައި ކަސްޓަމަރުންނަށް "އިތުރު އިތުބާރެއް" ހޯދައިދިނުން ކަމަށެވެ.
"ދަތުރުފަތުރުގެ ޑިމާންޑް އަދިވެސް ބޮޑުކަން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު. ނަމަވެސް ޓްރެވަލް އިންޝުއަރެންސްގެ ދާއިރާގައި ކަސްޓަމަރުން ބޭނުންވާ ފަދަ ކަވަރޭޖެއް ނެތްކަން އެނގުނު. އެހެންވެ އަޅުގަނޑުމެން މި ފިޔަވަޅު އެޅީ ކަސްޓަމަރުންގެ ބޭނުންތަކަށް ހައްލެއް ހޯދައިދިނުމަށް،" އޭނާ ވިދާޅުވި އެވެ.
އަބޫދާބީގެ އިއްތިހާދު އެއާވޭސްއިން މިދިޔަ ހުކުރު ދުވަހު ވަނީ ޖުލައި މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް އެ ސިޓީއަށް ޒިޔާރަތްކުރާ ބައިނަލްއަގުވާމީ ޓޫރިސްޓުންނަށް ހިލޭ މެޑިކަލް ކަވަރޭޖް ދޭނެ ކަމަށް ބުނެފަ އެވެ.
ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެމެރިކާ އާއި އީރާނުން ހުކުރު ދުވަހު އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް، ދެގައުމުގެ ދެމެދުގައިވާ ދާއިމީ ސުލްހައިގެ އެއްބަސްވުމަކާ ހަމައަށް ދިއުމަށް އަދިވެސް މަޝްވަރާތައް ކުރަންޖެހެ އެވެ. -- އޭއެފްޕީ