މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި ވައިގެ ދަތުރުފަތުރަށް ކުރިމަތިވި ލޮޅުމާ އެކު، އެމިރޭޓްސް އެއާލައިންގެ މި އަހަރުގެ ފުރަތަމަ ހަ މަހުގެ ފައިދާ 66 ޕަސެންޓަށް ދަށަށް ގޮސްފި އެވެ.
ވައިގެ ދަތުރުތައް އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ އެއް ކުންފުނި، އެމިރޭޓްސް އިން ބުނީ، އެ ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ހަ މަހު ސާފު ފައިދާގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ލިބުނު ކަމަށެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 3.1 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.
މެދުއިރުމަތީގެ އެންމެ ބޮޑު އެއާލައިން ހިންގާ ދުބާއީގެ އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 18 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 12 ޕަަސެންޓުގެ ދަށްވުމެކެވެ. ހަނގުރާމައާ ގުޅިގެން ވެސް އެ ކުންފުނީގެ އާމްދަނީއަށް މާބޮޑު ދަށްވުމެއް ނައީ ކާގޯ ވިޔަފާރިތައް އިތުރުވުމުގެ ސަބަބުންނެވެ.
ފެބްރުއަރީ މަހުގެ ފަހުކޮޅު މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ފަހުން، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުތައް ހުއްޓި ސަޕްލައިއަށް ބުރޫއެރުމާ ގުޅިގެން ތެލުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފަ އެވެ.
ދަތުރުފަތުގެ ހަބެއްގެ ގޮތުގައި ބޭނުންކުރާ ދުބާއީ މެދުވެރިކޮށް ކުރާ ދަތުރުތައް ހަނގުރާމައާ ގުޅިގެން ވަރަށް ބޮޑަށް މަދުވި އެވެ. އޭޕްރީލް އަދި ސެޕްޓެމްބަރާ ދެމެދު ދަތުރުކުރި ފަސިންޖަރުންގެ އަދަދު ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 22 ޕަސެންޓް ދަށަށް ދިޔަ އެވެ. އެ މުއްދަތުގައި ދުބާއީ މެދުވެރިކޮށް 21.8 މިލިއަން ފަސިންޖަރުން ދަތުރުކޮށްފައިވެ އެވެ.
"ވައިގެ ސަރަހައްދު އެކި ފަހަރު މަތިން ބަންދުކޮށް ދަތުރުފަތުރަށް ހުރަސް އެޅުމުގެ ސަބަބުން އެއާލައިންގެ އޮޕަރޭޝަން ވަރަށް ބޮޑަށް ދަށަށް ދިޔަ. އަދި އެހެން ގައުމުތަކުން ނެރުނު ޓްރެވަލް ބޭންތަކާ ގުޅިގެން ފަސިންޖަރުން ދުބާއީ މެދުވެރިކޮށް ކުރާ ދަތުރުތައް ވަރަށް ބޮޑަށް މަދުވި. އެހެންވެ 2026-27 ގެ ފުރަތަމަ ހަ މަސްދުވަސް ވެގެންދިޔައީ އެމިރޭޓްސްގެ އޮޕަރޭޝަންތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ދުވަސްވަރަކަށް،" އެ ގްރޫޕުން ބުންޏެވެ.
މިހާލަތުން އަރައިގަތުމަށްޓަކައި އެ ގްރޫފުގެ ކޭޝް ރިޒާވްގެ ބޭނުންކޮށްފައިވެ އެވެ. އެ ފައިސާއިން ދަރަނި އަދާކުރުމާއި ފައިސާގެ އެހެން މުއާމަލާތްތައް ހިންގައި، ކުންފުނީގެ ހަރަދުތައް ހަމަޖެއްސި ކަމަށް އެމިރޭޓްސް އިން ބުންޏެވެ.
"މިއީ ބުރަ މަސައްކަތްތަކެއް ކުރަންޖެހުނު ހަ މަސްދުވަސް، އަދި މި ފަހަރު ވެސް އަޅުގަނޑުމެންގެ ވިޔަފާރިން އަރައިގަނެވުނު،" ޗެއާމަން އަދި ޗީފް އެގްޒެކެޓިވް ޝައިޚް އަހުމަދު ބިން ސައީދު އަލް މަހްތޫމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި މުއްދަތުގައި ކުރިމަތިވި ގޮންޖެހުންތަކަކީ މީގެ ކުރިން ދުވަހަކުވެސް ދިމާނުވާ ފަދަ ގޮންޖެހުންތަކެއް ކަމަށެވެ. އަދި މިފަދަ ހުރަސްތަކާ އެކު ވެސް އެ ކުންފުނިން ކުރަމުންދާ އިންވެސްޓްމަންޓްތައް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެ އެއާލައިނަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް އެ އެއާލައިނުން މުހިއްމު ފިޔަވަޅުތަކެއް އެޅި އެވެ. އެގޮތުން ހާއްސަ ޓްރެވަލް އިންޝުއަރެންސްއެއް ތައާރަފް ކުރުމާއި ބުކިން ހަދާފައިވާ ޓިކެޓްތަކުގެ ދުވަސް ހިލޭ ބަދަލު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސި އެވެ. އަދި ޓިކެޓް ކެންސަލް ކުރާ ފަރާތްތަކަށް ފަސޭހައިން ފައިސާ އަނބުރާ ލިބޭނެ އިންތިޒާމުތައް ވެސް އެ ކުންފުނިން ހަމަޖައްސައިދިނެވެ.
މިދިޔަ މެއި މަހު އެ އެއާލައިނުން ވަނީ ދުބާއީގެ އަލް މަހްތޫމް އިންޓަނޭޝަނަލް އެއާޕޯޓުގައި 5.1 ބިލިއަން ޑޮލަރު ހަރަދުކޮށްގެން އިންޖިނިއަރިން އަދި މެއިންޓެނެންސް މަރުކަޒެއް އެޅުމުގެ އަމަލީ މަސައްކަތް ފަށާފަ އެވެ. އެ މަސައްކަތް ނިމޭނީ 2030 ގެ އަހަރުތަކުގެ މެދުތެރޭގަ އެވެ.