ސައުދީ އަރަބިއްޔާގެ ބޮޑެތި އިންވެސްޓްމެންޓްތަކަށް މަރުހަބާ ކިޔަން ރާއްޖެ އޮތީ ތައްޔާރަށް ކަމަށާއި 2040 އާ ހިސާބަށް ދާއިރު ތަރައްގީ ވެފައިވާ ގައުމަކަށް ވާން ރާއްޖޭން ކުރާ މަސައްކަތުގައި އެ ގައުމުގެ ބައިވެރިވުން ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަސް ފާހަގަކުރަން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަފުލާގައި ރައީސް ވިދާޅުވީ ސައުދީ އިންވެސްޓްމެންޓްތައް ގެނައުމަށްޓަކައި ރަނގަޅު ސިޔާސަތުތައް ކަނޑައަޅައި، އިންވެސްޓްމެންޓްތަކަށް ފަހި މާހައުލެއް ގާއިމްކުރަން ވެސް ރާއްޖެ އޮތީ ތައްޔާރަށް ކަމަށެވެ.
ރާއްޖޭގެ އިގުތިސާދު މުޅިން ބަދަލުކޮށްލުމުގައި ސައުދީ ވިޔަފާރިތަކާއި އިންވެސްޓަރުން މާނަ ހުރި ގޮތެއްގައި ބައިވެރިވާން ފުރިހަަމަކުރަން ޖެހޭ ކަންތައްތައް ރާއްޖެއިން ފުރިހަމަކުރާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ދެމިގެންވާ މި ގުޅުމަކީ ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކުރާ އިތުބާރާއި އަޅުގަނޑުމެންގެ ތަރައްގީއަށް އެހީތެރިވާން ސައުދީ އަރަބިއްޔާ ތައްޔާރަށް އޮތް ކަމުގެ ވަރުގަދަ ހެއްކެއް. މުސްތަގުބަލަށް ބަލާއިރު އަޅުގަނޑުމެން ބޭނުންވަނީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ތަރައްގީ ވެފައިވާ ގައުމަކަށް ވާން ކުރާ މަސައްކަތް މި ވަރުގަދަ ބިންގަލުގެ މަތީގައި ބިނާކުރަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ސައުދީ އަރަބިއްޔާގެ ބޮޑެތި އިންވެސްޓްމެންޓްތަކާއި ތަރައްގީގެ ޕާޓްނަޝިޕްތަކަށް މަރުހަބާ ކިޔަން ދިވެހިރާއްޖެ އޮތީ ތައްޔާރަށް."
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި ބޮޑެތި ފުރުސަތުތަކެއް އަންނަން އެބަހުއްޓެވެ. ޓޫރިޒަމާއި އުމްރާނީ މަަސައްކަތްތަކާއި ބޯހިޔާވަހިކަމާއި ސިއްހީ ހިދުމަތްތަކާއި މަސްވެރިކަމާއި އިއާދަކުރަނިވި ހަކަތައާއި ލޮޖިސްޓިކްސް އާއި އަލަށް ތައާރަފް ވަމުން އަންނަ ދާއިރާތަކަކީ ރާއްޖޭގައި ކުރިއަށް ފުރުސަތު ހުރި ދާއިރާތަކެއް ކަން ފާހަގަކުރެއްވި އެވެ.
"އަަޅުގަނޑުމެން މިތިބީ ސައުދީ އަރަބިއްޔާއާ އެކު މަސައްކަތްކުރަން ތައްޔާރަށް. ހަމައެކަނި ތަރައްގީގައި އެހީތެރިކަން ލިބިގަންނަ ބައިވެރިއެއްގެ ގޮތުގައެއް ނޫން. ވިޔަފާރި އާއި އިންވެސްޓްމެންޓްތަކުގައި ކުރިއެރުން ހިއްސާކުރާ ބައިވެރިއެއްގެ ގޮތުގައި،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު މި މޭރުމުން ވާހަކަފުޅު ދެއްކެވި އިރު ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއިން ރާއްޖޭގައި ބޮޑު މަޝްރޫއެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުށަހެޅި އެވެ. ފ. އަތޮޅުގައި ހިންގަން އުޅުނު އެ މަޝްރޫއު ހުއްޓާލީ އޭރުގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުންތަކާއި ދެކޮޅުހެދުންތަކާ ހެދި އެވެ.
ސައުދީ އަރަބިއްޔާއާ އެކު ރާއްޖެއިން ސޮއިކުރި ޗާޓާ އޮފް މަލްޓިނެޝަނަލް މެރިޓައިމް ޑިފެންސް މުއާހަދާއަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގައި ވާސިލުވި މުހިއްމު މައިލްސްޓޯން އެއްގެ ގޮތުގައި ރައީސް މުއިއްޒު މިރޭ ފާހަގަކުރެެއްވި އެވެ.
ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖޭގެ ކުރިއެރުމާއި ސަލާމަތްތެރިކަން ކަނޑާ ވަރަށް ބޮޑަށް ގުޅިފައިވާތީ ކަނޑުމަގުގެ ރައްކާތެރިކަމަކީ ރާއްޖެއިން އެންމެ ބޮޑަށް އަހައްމިއްޔަތުކަން ދޭ އެއް ކަންތައް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ސައުދީ ސަރުކާރާއި ރައްޔިތުންނަށް ދާއިމީ ސުލްހަ އާއި މެދުކެނޑުމެއް ނެތް ކުރިއެރުމާއި ފާގަތިކަމާއި ކާމިޔާބީއަށް އެދިވަޑައިގެން އެ މަނިކުފާނު ދުއާ ވެސް ކުރެއްވި އެވެ.