އުރީދޫގެ "ކަސްޓަމާ ސާވިސް ވީކް" ގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝާދީ ގަވާސްމީ ބައިވެރިވެވަޑައިގެންފި އެވެ.
އިއްޔެ ހެނދުނު 11 އިން ފެށިގެން 30 މިނިޓަށް އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމަށް ކަސްޓަމަރުން ހުށަހަޅާފައިވާ ސުވާލުތަކަށް ޖަވާބު ދެއްވުމުގައި އަމަލީ ގޮތުން އިސްކޮށް ހުންނެވީ ސީއީއޯ އެވެ.
އެ ސެޝަންގައި، ސޯޝަލް މީޑިއާ މެދުވެރިކޮށް ކަސްޓަމަރުން ފޮނުވާފައިވާ ތަފާތު ސުވާލުތަކާއި ކަންބޮޑުވުންތަކަށް ޝާދީ ޖަވާބު ދެއްވައި، އުރީދޫގެ ކަސްޓަމާ ސާވިސް ޓީމުތަކުން ކޮންމެ ދުވަހަކު ވެސް ކުރާ މުއާމަލާތްތައް އަމިއްލައަށް ތަޖުރިބާ ކުރެއްވި ކަމަށް އުރީދޫން ބުންޏެވެ.
މިއީ "ކަސްޓަމާ ސާވިސް ވީކް" އަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން ބައެކެވެ. މި ހަރަކާތްތަކުގައި އުރީދޫ މޯލްޑިވްސްގެ ލީޑަޝިޕް ޓީމުން ފްރަންޓްލައިން މުވައްޒަފުންގެ ދައުރު އަދާކޮށް، ތަފާތު ޕްލެޓްފޯމްތަކުގައި ކަސްޓަމަރުންނާ މުއާމަލާތްކުރާނެ އެވެ.
އުރީދޫ ލީޑަޝިޕްގެ އަމާޒަކީ މި ހަރަކާތުގެ ސަބަބުން ކަސްޓަމަރުންގެ ބޭނުންތައް އިތުރަށް ދެނެގަނެ، ހިދުމަތް ރަނގަޅު ކުރެވިދާނެ ދާއިރާތައް ފާހަގަކޮށް އަދި މިހާރަށް ވުރެ ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދިނުމުގައި ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބުންޏެވެ
"ކަސްޓަމާ ސާވިސް ވީކް"އަކީ އުރީދޫ މޯލްޑިވްސްގެ ފްރަންޓްލައިން ޓީމުތަކުގެ އަގުވަޒަންކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި އުރީދޫން ފާހަގަކުރެ އެވެ. އެ ޓީމުތަކުގެ ހިތްވަރާއި އޯގާތެރިކަމާއި މަސައްކަތަށް ދޭ އަހައްމިއްޔަތަކީ ކަސްޓަމަރުންނާ އެކު ރަނގަޅު ގުޅުމެއް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށް ވެސް ބުންޏެވެ.
މި ހަރަކާތްތަކުގެ ތެރެއިން، ފެންވަރު ރަނގަޅު ކަސްޓަމާ ކެއާއެއް ފޯރުކޮށްދިނުމަކީ މުޅި ކުންފުނީގެ އެންމެންގެ ޒިންމާއެއްކަން ފާހަގަކޮށް، ކޮންމެ މުއާމަލާތަކީ ވެސް ކަސްޓަމަރުންގެ އަޑުއަހައި، ދަސްކޮށް އަދި ކަސްޓަމަރުންނަށްޓަކައި އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް ލިބޭ ފުރުސަތެއްކަން އަންގައިދެ އެވެ.