އުރީދޫ އާއި ފުލުހުން ގުޅިގެން މާލެ އަދި ހުޅުމާލޭގައި ހުންނަ އިސްރަށްވެހިންގެ ނާދީގައި އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ޑިޖިޓަލް ލިޓްރަސީ އަދި ސްކޭމް އެވެއާނަސް ސެޝަނެއް ބާއްވައިފި އެވެ.

އެ ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އާންމުކޮށް ހިންގާ ސްކޭމްތައް ދެނެގަތުމަށާއި ޑިޖިޓަލް ހިދުމަތްތައް އިތުބާރާއެކު ރައްކާތެރިކޮށް ބޭނުންކުރަން އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވެދިނުމަށެވެ.

އުރީދޫން އުމުރުން ދުވަސްވީ ފަރާތްތަކަށް ހިންގި ޑިޖިޓަލް ލިޓްރަސީ ސެޝަނުގައި މައުލޫމާތު ދެނީ --- ފޮޓޯ/އުރީދޫ
އުރީދޫން އުމުރުން ދުވަސްވީ ފަރާތްތަކަށް ހިންގި ޑިޖިޓަލް ލިޓްރަސީ ސެޝަނުގައި މައުލޫމާތު ދެނީ --- ފޮޓޯ/އުރީދޫ

އެ ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ސްކޭމްތަކަށް ހޭލުންތެރި ކުރުވުމަށެވެ. އެގޮތުން މަކަރާއި ހީލަތުން ކުރާ ކޯލްތަކާއި މެސެޖުތަކާއި ފިޝިން ލިންކްތަކާއި އެހެން މީހަކަށް ހެދިގެން އޮޅުވާލަން މަސައްކަތް ކުރުމާއި އަދި މާލީ ނުވަތަ ޒާތީ މުހިންމު މައުލޫމާތު ހޯދަން އެދުން ފަދަ އާންމުކޮށް ހިންގާ ސްކޭމްތަކުގެ މައުލޫމާތު ދިނެވެ.

އޭގެ އިތުރުން ޕާސްވޯޑާއި އޯޓީޕީ އާއި ބޭންކިން މައުލޫމާތާއި އަދި އެހެނިހެން ޒާތީ މައުލޫމާތު ރައްކާތެރި ކުރުމުގެ މުހިންމުކަމާއި ޝައްކު ކުރެވޭ ފަދަ މުއާމަލާތްތަކާ ދިމާވުމުން އަޅަންޖެހޭ ފިޔަވަޅުތައް ވެސް އެ ސެޝަނުގައި ކިޔައިދިނެވެ.

ސްކޭމްތަކަށް ހޭލުންތެރި ކުރުވުމާއި އޮންލައިން ރައްކާތެރިކަމާ ގުޅޭގޮތުން އެ ސެޝަނުގައި ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ. އަދި ޝައްކު ކުރެވޭ ހަރަކާތްތައް ދެނެގަންނާނެ ގޮތާއި މަކަރާއި ހީލަތުން ރައްކާތެރިވާނެ ގޮތުގެ އިރުޝާދު ދިނެވެ. 

ސްކޭމްތަކަށް ހޭލުންތެރިކުރުވުމުގެ އިތުރުން އެ ޕްރޮގްރާމްގައި ސްމާޓްފޯނާއި އާންމުކޮށް ބޭނުންކުރާ ޑިޖިޓަލް ހިދުމަތްތައް ރައްކާތެރިކަމާއެކު ބޭނުންކުރާނެ ގޮތުގެ އިރުޝާދު ދިނެވެ. އަދި ސުވާލު ކުރުމުގެ ފުރުސަތު ދީ، އަމަލީގޮތުން އެހީތެރިކަން ފޯރުކޮށްދިނެވެ. 

އުރީދޫ މޯލްޑިވްސްއިން ވަނީ އިސްރަށްވެހިންގެ ނާދީއާއެކު ޒަމާންވީ ގުޅުމެއް ދަމަހައްޓައި، 2018 ވަނަ އަހަރުން ފެށިގެން އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި އެ ޕްރޮގްރާމަކީ އެ ގުޅުމުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. އަދި މިއީ އެންމެން ޝާމިލުވާ އަދި ރައްކާތެރި ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.