ރާއްޖޭގެ އެކި ސަރަހައްދުތަކުން ޕަބްޖީ މޮބައިލްގެ އެންމެ މޮޅު ޓީމުތައް ވާދަކުރި އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް މުބާރާތުގެ ނިމުން ފާހަގަކޮށްފި އެވެ. 

އެ މުބާރާތުގެ ނިމުން ފާހަގަކޮށް ވަނަތަކަށް ދިޔަ ޓީމުތަކަށް އިނާމު ދިނުމަށް އުރީދޫ ހެޑް އޮފީހުގައި ރޭ ވަނީ ހާއްސަ ހަފްލާއެއް ބާއްވާފަ އެވެ.

ޗެމްޕިއަން ޓީމު ލ. ފޮނަދޫ ޑީއެމްޒީ އާއި ފަސްޓް ރަނާއަޕް އަށް ހޮވުނު ށ. ކޮމަންޑޫ ޔޫކޭ އެންޖީ އާއި ދެވަނަ ރަނާއަޕްއަށް ދިޔަ ކ. ކާށިދޫ އެމްޖީއެސްސީ އަށް ވަނީ ރޭގެ ހަފުލާގައި އިނާމު ދީފަ އެވެ. މުޅި މުބާރާތުގައި ދެއްކި މޮޅު ކުޅުމަށް ބަލައި، މޯސްޓް ވެލިއުއަބަލް ޕްލޭޔާ (އެމްވީޕީ)ގެ މަގާމު އެސްޑީއެމްޒެޑްފްލޭންކީ އަށް ވަނީ ދީފަ އެވެ.

ވަނަތަކަށް ހޮވުނު ޓީމުތަކަށް އިނާމު ދިނުމަށް ބޭއްވި ހަފްލާގައި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ މި އަހަރުގެ އަތޮޅު އީސްޕޯޓްސް ލީގަށް މިދިޔަ އަހަރަށް ވުރެ ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. ގާތްގަނޑަކަށް ރާއްޖޭގެ ހުރިހާ ރަށަކުން މި ފަހަރުގެ ލީގުގައި ބައިވެރިވިކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ނިޔާޒް ވިދާޅުވީ އެ ކުންފުނިން ދެމުން އަންނަ ހިދުމަތްތަކާ އެކު ރާއްޖެ ޑިޖިޓަލް ކުރުމުގެ މަސައްކަތްތަކުގެ ދަށުން މި މުބާރާތް ކުރިއަށް ގެންދިޔައީ އޮންލައިންކޮށް، ބައިވެރިންގެ އަމިއްލަ ރަށުގައި ތިބެގެން ކުޅެވޭނެ ގޮތަށް ކަމަށެވެ. އަމާޒަކީ ރަށްރަށުގެ ހުނަރުވެރި ގޭމަރުންނަށް ފުރުސަތުތައް ފަހިކޮށްދީ، ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރެވޭނެ ގޭމަރުން ބިނާކުރުން ކަމަށް ނިޔާޒް ވިދާޅުވި އެވެ. 

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އުރީދޫ ނޭޝަން މީގެ ހަތަރު އަހަރު ކުރިން ތައާރަފް ކުރިއިރު، އަޅުގަނޑުމެންގެ އަމާޒަކަށްވީ އިންޓަނޭޝަނަލް ފެންވަރަށް ރާއްޖޭގެ އީސްޕޯޓްސް ދާއިރާ ގެންދިއުން. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ޕަބްޖީ ފަދަ އެކި ގޭމުތައް ކުޅޭ ގޭމަރުން އިންޓަނޭޝަލް ލެވަލް އަށް ގެންދަން،" ނިޔާޒް ވިދާޅުވި އެވެ. 

ރޭގެ ރަސްމިއްޔާތުގައި މޯލްޑިވްސް އީސްޕޯޓްސް އެސޯސިއޭޝަންގެ ރައީސް އިސްމާއިލް އަޒްމީ އަދުނާން ވިދާޅުވި ގޮތުގައި، ގޭމަރުން މިފަދަ އެކި މުބާރާތްތަކުގައި ބައިވެރިވެ، ހުނަރުތައް ކުރިއެރުވުމުގެ ފުރުސަތުތައް ލިބޭ ނަމަ ދުނިޔޭގެ ފެންވަރުގެ ވަނަތައް ގެނެވޭނެ ގޭމަރުން ބިނާކުރެވޭނެ އެވެ. 

އުރީދޫ ނޭޝަން އަތޮޅު ސްޕޯޓްސް ތައާރަފްކުރީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރުގެ އެ މުބާރާތަށް ލިބުނު ބޮޑު ތަރުހީބަށް ފަހު، މި އަހަރު އެ މުބާރާތުގެ ދެ ވަނަ އެޑިޝަން ބޭއްވީ މިދިޔަ މަހު އެވެ. 

މި އަހަރުގެ މުބާރާތުގައި ރާއްޖޭގެ އެކި ރަށްތައް ތަމްސީލުކޮށް 48 ޓީމަކުން ހަ ގްރޫޕެއްގައި ވާދަކުރި އެވެ. މުބާރާތުގައި 75 މެޗު ކުޅުނެވެ.  ޓީމުތަކުން އަމިއްލަ ރަށުަގައި ތިބެގެން ވާދަކުރި އެ މުބާރާތް ޔޫޓިއުބް މެދުވެރިކޮށް ލައިވް ސްޓްރީމް ކުރި އެވެ. 

އުރީދޫ ނޭޝަންއިން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ގޭމަރުންނަށް މިފަދަ އެކި މުބާރާތްތައް ބާއްވަމުންނެވެ.