ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މިދިޔަ އަހަރުގެ އޮގަސްޓްމަހާ އަޅާ ބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި 2.4 ޕަސެންޓު ކުރިއަރާފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ކުރިއެރުން އައިސްފައިވަނީ މާލީ ހިދުމަތްތަކާއި ރިއަލްއެސްޓޭޓް ވިޔަފާރި އާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާއަށް އައި ކުރިއެރުމުގެ ސަބަބުންނެވެ.
އެ ބިއުރޯއިން އިއްޔެ އާންމުކުރި އިގުތިސާދީ ކުރިއެރުން ވަޒަންކުރާ "މަންތްލީ އިންޑިކޭޓާސް އޮފް އިކޮނޮމިކް ގްރޯތް" (އެމްއައިއީޖީ) ރިޕޯޓުގައިވާ ގޮތުން، މިދިޔަ އޮގަސްޓް މަހު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުރީ 9.64 ބިލިއަން ރުފިޔާގަ އެވެ. މިއީމިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 9.41 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރުވުމެކެވެ. މިއީ ޖުލައި 2026 އާ އަޅާބަލާއިރު 5.4 ޕަސެންޓުގެ ކުރިއެރުމެކެެވެ.
އިގްތިސާދީ ކުރިއެރުމަށް އެންމެ ބޮޑު ހިއްސާއެއް ވެފައިވަނީ މާލީ ހިދުމަތްތަކުގެ ދާއިރާއިންނެވެ. ރިއަލް އެސްޓޭޓް ހަރަކާތްތަކާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާއިން ވެސް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި މާލީ ހިދުމަތްތަކުގެ ދާއިރާ ވަނީ 21.9 ޕަސެންޓު ކުރިއަރައި، 748 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ މާލީ މުއާމަލާތްތަކާއި އިންޝުއަރެންސްގެ ހިދުމަތްތައް އިތުރުވުމާ ގުޅިގެން އައި ބަދަލެކެވެ.
މީގެ އިތުރުންހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި 8.1 ޕަސެންޓު ކުރިއަރައި 864 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، އިމާރާތްކުރުމުގެ ދާއިރާ ވަނީ 10.4 ޕަސެންޓަށް ކުރިއަރައި 487 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
އިގްތިސާދުގެ އެންމެ ބޮޑު ދާއިރާ ކަމަށްވާ ހޮސްޕިޓާލިޓީ އަދި ފުޑް ސާވިސަސް ދާއިރާއަށް ބަލާއިރު އެއީ އިގްތިސާދީ ކުރިއެރުމުގެ 23.1 ޕަސެންޓެވެ. މި ދާއިރާއިން 2.23 ބިލިއަން ރުފިޔާ އުފައްދާފައިވާއިރު މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 0.7 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި މިއީ މި އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 10.6 ޕަސެންޓުގެ ކުރިއެރުމެކެވެ. މި ކުރިއެރުން އައިސްފައިވަނީ ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު އިތުރުވުމާ ގުޅިގެން ކަމަށްރިޕޯޓުގައި ވެ އެވެ.
ދަތުރުފަތުރާއި މުވާސަލާތީ ހިދުމަތްތަކުގެ ދާއިރާއަކީ އިގްތިސާދުގެ 11.7 ޕަސެންޓު ދާއިރާ އެވެ.
މިދިޔަ އޮގަސްޓް މަހުގެ އިގުތިސާދީ ކުރިއެރުން 10.06 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ޖެނުއަރީ މަހުގެ ފަހުން އިގުތިސާދީ ކުރިއެރުން މިހާ މަތީ މިންވަރަކަށް ރިކޯޑު ކުރެވުނު ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން، މިއީ އޮގަސްޓް 2024 ގައި ރިކޯޑު ކުރެވުނު 8.65 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 11.4 ޕަސެންޓުގެ ކުރިއެރުމެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުގައި، މިދިޔަ ޖޫން މަހު އިގުތިސާދީ ހަރަކާތްތައް ދަށްވުމަށް ފަހު، ޖުލައި މަހާއި އޮގަސްޓް މަހު ރާއްޖޭގެ އިގުތިސާދީ ހަރަކާތްތައް ވަނީ ބާރުމިނެއްގައި ކުރިއަރަން ފަށައިފަ އެވެ.