މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގެ އިގުތިސާދު 4.0 ޕަސެންޓު ކުރިއަށް ޖެހިފައިވާ ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ ބިއުރޯއިން ކޮންމެ މަހަކު ނެރޭ "މަންތުލީ އިންޑިކޭޓާސް އޮފް އިކޮނޮމިކް ގްރޯތު" ރިޕޯޓުގައިވާ ގޮތުން މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރިއަލް އެސްޓޭޓް ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި އާއި އިމާރާތްކުރުމުގެ ދާއިރާގެ ހަރަކާތްތައް އިތުރުވުމެވެ.

ރިޕޯޓްގައިވާ ގޮތުން 2019 ވަނަ އަހަރުގެ އަސާސީ އަގުތަކަށް ބަލާއިރު ސެޕްޓެމްބަރު މަހުގެ އިގުތިސާދީ މިންވަރު ހުރީ 8.51 ބިލިއަން ރުފިޔާގަ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 330 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަހަރީ ކުރިއެރުން އޮގަސްޓު މަހު ހުރީ 2.4 ޕަސެންޓްގަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ލިބުުނު ކުރިއެރުމަކީ ސެޕްޓެމްބަރު 2024 އާ އަޅާބަލާއިރު 10 ޕަސެންޓްގެ އިތުރުވުމެކެވެ.

ރިއަލް އެސްޓޭޓް އަދި އިމާރާތްކުރުމުގެ ދާއިރާއަށް ކުރިއެރުން

ސެޕްޓެމްބަރުމަހު ރާއްޖޭގެ އިގުތިސާދަށް ލިބުނު ކުރިއެރުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ރިއަލް އެސްޓޭޓް ދާއިރާއަށް އައި ކުރިއެރުމެވެ. އެއީ 0.9 ޕަސެންޓޭޖު ޕޮއިންޓެވެ. ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި އާއި އިމާރާތްކުރުމުގެ ދާއިރާގެ ކޮންމެ ދާއިރާއަކުން 0.8 ޕަސެންޓޭޖް ޕޮއިންޓް ހިއްސާ ކޮށްފައިވާއިރު، ސިއްހީ އަދި އިޖުތިމާއީ ހިދުމަތްތަކުގެ ދާއިރާއިން ވަނީ 0.6 ޕަސެންޓޭޖް ޕޮއިންޓް އިތުރުވެފަ އެވެ.

އަހަރުން އަހަރަށް ބަލާއިރު އިމާރާތްކުރުމުގެ ދާއިރާގެ މަސައްކަތްތައް 16.6 ޕަސެންޓް ކުރިއަރައި 457 މިލިއަން ރުފިޔާއަށް އަރާފައިވެ އެވެ. ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި 8.8 ޕަސެންޓް ކުރިއަރައި 815 މިލިއަން ރުފިޔާއަށް އަރާފައިވާއިރު މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ އެތެރެކުރި (އިމްޕޯޓް) މުދަލުގެ މިންވަރު އިތުރުވުން ކަމަށް ވެސް ސްޓެޓިސްޓިކްސް ބިއުރޯގެ ރިޕޯޓްގައި ފާހަގަކޮށްފައި ވެ އެވެ. ދަތުރުފަތުރާއި މުވާސަލާތީ ދާއިރާއަށް ވެސް ވަނީ 0.6 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ވެސް އެ ރިޕޯޓްގައި ބުންޏެވެ.

މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރެއިން އޭޕްރީލް މަސް ފިޔަވައި އެހެން ހުރިހާ މަހެއްގައި ވެސް ކުރީ އަހަރަށް ވުރެ އިގުތިސާދީ ކުރިއެރުން ލިބުނު މިންވަރު މައްޗެވެ. ސްޓެޓިސްޓިކްސްގެ ހިސާބުތަކަށް ބަލާއިރު ޖެނުއަރީ މަހުން ސެޕްޓެމްބަރަށް ޖުމްލަ އަދަދު ހުރީ 81.1 ބިލިއަން ރުފިޔާގަ އެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.5 ޕަސެންޓްގެ ކުރިއެރުމެކެވެ.

ރިޕޯޓްގައިވާ ގޮތުން އޮގަސްޓު މަހާ އަޅާބަލާއިރު ސެޕްޓެމްބަރު މަހު އިގުތިސާދީ ދުވެލި  11.6 ޕަސެންޓަށް ނުވަތަ 1.12 ބިލިއަން ރުފިޔާ ދަށްވި އެވެ. ސެޕްޓެމްބަރު މަހުގެ އިގުތިސާދީ ހަރަކާތްތަކުގެ އެންމެ ބޮޑު ހިއްސާއެއް (18.5 ޕަސެންޓު) ފޯރުކޮށްދިން ފަތުރުވެރިކަމުގެ ދާއިރާ ވަނީ މަހުން މަހަށް ބަލާއިރު 29.5 އިންސައްތަ ދަށްވެފަ އެވެ. މީގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ ހިނގަމުންދާ ހަނގުރާމަ އެވެ. މި ހަމަނުޖެހުން ނިމުމުން ޓޫރިޒަމް ކުރިއަށް ވުރެ ރަނގަޅުވާނެ ކަމަށް އަންދާޒާކުރެވެ އެވެ. 

މި ދަށްވުމަކީ 2024 އަދި 2025 ވަނަ އަހަރު ވެސް އޮގަސްޓު މަހުން ސެޕްޓެމްބަރު މަހަށް އިގުތިސާދީ ހަރަކާތްތައް މަޑުޖެހޭ އާންމު އުސޫލުން އައިސްފައިވާ ބަދަލެކެވެ. އެކަމަކު މިދިޔަ ތިން އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، މި އަހަރުގެ ސެޕްޓެމްބަރު މަހަކީ އެންމެ ބޮޑު އިގުތިސާދީ ކުރިއެރުމެއް ރެކޯޑުކުރި މަހެކެވެ.