ޓްރީ ޓޮޕް ހޮސްޕިޓަލްގެ އެންޑްރޯކްރިނޮލޮޖީގެ ކޮންސަލްޓަންޓް ޑރ. ޖޯސެފް އެޗޯބޫ އޮޖޯބީ، އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން، މާލޭގެ ޓީޓީއެޗް ކްލިނިކްގައި ކޮންސަލްޓް ކުރަން ފަށާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ޑރ. ޖޯސެފަކީ ހަކުރުބަލި މެނޭޖްކުރުމާއި، ތައިރޮއިޑް ބަލިތައް ދެނެގަނެ ފަރުވާދިނުމުގެ އިތުރުން، ބަރުދަން އިތުރުވުމާ ގުޅުންހުރި މައްސަލަތަކާއި ހޯމޯންގެ ބަލިތަކަށް ފަރުވާދިނުމުގައި ތަޖުރިބާކާރު ޑޮކްޓަރެކެވެ.

ޑރ. ޖޯސެފްގެ ފަރުވާގެ މައިގަނޑު އަސާސަކީ ކޮންމެ ބަލިމީހެއްގެ ވެސް ސިއްހީ ހާލަތަށް ބިނާކޮށް، ދިގު މުއްދަތުގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ފަރުވާގެ ޕްލޭންތައް އެކުލަވައިލުން ކަމަށް ޓްރީ ޓޮޕުން ބުންޏެވެ. އެހެންވެ، ޑރ. ޖޯސެފްގެ ކޮންސަލްޓޭޝަންތަކުގެ ތެރެއިން، ބަލިމީހާގެ ސިއްހީ ހާލަތު ފުރިހަމައަށް ވަޒަންކުރުމާއި، ދިގުމުއްދަތުގެ ބަލިތައް މެނޭޖްކުރުމުގެ އިރުޝާދުތަކާއި، ދިރިއުޅުމުގެ އާދަކާދައަށް ރިއާޔަތްކޮށްގެން ފަރުވާގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެންޑޯކްރިނޮލޮޖީއަކީ ހަށިގަނޑުގެ ހޯމޯންތަކާއި މެޓަބޮލިޒަމް ނިޒާމާ ގުޅުން ހުރި ބަލިތައް މެނޭޖްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާއެކެވެ. އޭގެ ތެރޭގައި ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކުރުމާއި، ހަކަތަ ހުންނަ މިންވަރާއި، ބަރުދަނަށް އަންނަ ބަދަލުތައް ހިމެނެއެވެ. މިފަދަ ބަލިތަކަށް އަވަސް ފަރުވާ ހޯދުމަކީ ބަލީގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވެ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި އެ ހޮސްޕިޓަލުން ސިފަކުރެ އެވެ.

ޓީޓީއެޗް ކްލިނިކްގައި ޑރ. ޖޯސެފްގެ ކޮންސަލްޓޭޝަން ހިދުމަތް ފެށުމަކީ ޓްރީ ޓޮޕް ހޮސްޕިޓަލަށް ނުގޮސް، ލުއިފަސޭހަކަމާ އެކު މާލޭގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހާއްސަ ޑޮކްޓަރުންގެ ހިދުމަތް ފޯރުކޮށްދިނުމަށާއި، ދިގުމުއްދަތުގެ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ކުރަމުން އަންނަ މަސައްކަތުގެ މުހިންމު ބައެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެެވެ.

އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޓީޓީއެޗް ކްލިނިކުގައި ހޯމަ އަދި ބުރާސްފަތި ދުވަހު ހެނދުނު 10 އިން މެންދުރު 1 އަށް ޑރ. ޖޯސެލް ކޮންސަލްޓު ކުރާނެ އެވެ.

މާލޭގެ ބުރުޒު މަގުގައި ހުންނަ ޓީޓީއެޗް ކްލިނިކުން އެންޑޯކްރޮނޮލޮޖީގެ ހިދުމަތުގެ އިތުރުން، އިންޓާނަލް މެޑިސިން، ފެމިލީ މެޑިސިން، އަދި ނިއުރޯސާޖަރީ ހާއްސަ ބަލިތަކުގެ ކޮންސަލްޓޭޝަން ހިދުމަތް ލިބޭނެ އެވެ. މީގެ އިތުރިން ފިޒިއޮތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް އެންޑް ލެންގުއޭޖް ތެރަޕީ، އޯޑިއޮލޮޖީ، އަދި ލެބޯރެޓަރީ ސާމްޕަލް ނެގުމުގެ ހިދުމަތްތައް ވެސް އެތަނުން ލިބެ އެވެ. އަދި އަނިޔާވުމުގެ ސަބަބުން ނުވަތަ އޮޕަރޭޝަނަށް ފަހު، އަދި ނިއުރޯލޮޖިކަލް ހާލަތްތަކުން ރިކަވަރީވަމުންދާ ބަލިމީހުންނަށް ރިހެބިލިޓޭޝަންގެ ހިދުމަތްތައް ވެސް އެ ކްލިނިކުން ފޯރުކޮށްދެ އެވެ.