ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި އަންނަ އަހަރަށް 2.7 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނައިފި އެވެ.
މިއީ މި އަހަރުގެ ކައުންސިލް ބްލޮކް ގްރާންޓްގެ ގޮތުގައި ކަނޑައެޅި އަދަދަށް ވުރެ 14 ޕަސެންޓްގެ އިތުރުވުމެކެވެ. މިއަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ކަނޑައަޅާފައިވަނީ 2.4 ބިލިއަން ރުފިޔާ އެވެ.
ބަޖެޓް ފޮތުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކައުންސިލްތަކުގެ ބްލޮކް ގްރާންޓް ކަނޑައަޅާފައިވަނީ 2019 ވަނަ އަހަރު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު 8 ވަނަ އިސްލާހުގައިވާ އެކަން ކުރުމަށް ކަނޑައަޅާފައިވާ ގޮތަށެވެ. މި އިސްލާހުގެ ދަށުން ބްލޮކް ގްރާންޓް ކަނޑައަޅަނީ، ވަކިކަމަކަށް ނުހިމަނައި އެ އަހަރަކަށް ފާސްކުރާ ޖުމްލަ އާމްދަނީގެ މަދުވެގެން 5 ފަސެންޓާއި، ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުފަދަ ސަރަހައްދުތަކުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 ޕަސެންޓަށް ބިނާކޮށްގެންނެވެ.
އަންނަ އަހަރަށް ކަނޑައަޅާފައިވާ ޖުމްލަ ބްލޮކް ގްރާންޓްގެ ތެރެއިން 80 އިންސައްތަ ކަނޑައަޅާފައިވަނީ ރަށު ކައުންސިލްތަކަށެވެ. އަދި ބާކީ 20 އިންސައްތަ ކަނޑައަޅާފައިވަނީ ސިޓީ ކައުންސިލްތަކަށެވެ.
ކައުންސިލްތަކަށް ބަޖެޓު ދޫކުރުމުގައި އެންމެ ބޮޑަށް ބަލަނީ އެ ރަށްރަށުގައި ދިރިއުޅޭ އާބާދީއަށެވެ. އަދި ބިމުގެ އޭރިއާ އާއި މާލެ އާއި އަތޮޅު ވެރިކަންކުރާ ރަށާ ހުރި ދުރުމިނާއި ކައުންސިލް ޕާފޯމަންސް އިންޑެކްސް، ފިސްކަލް ޕާފޯމަންސް އިންޑެކްސް ފަދަ ކަންކަމަށް ބަޖެޓު ކަނޑައެޅުމުގައި ފިނޭންސް މިނިސްޓްރީން ބަލަ އެވެ.
ބަޖެޓު ފޮތުގައިވާ ގޮތުން ދައުލަތުގެ އާމްދަނީ އިތުރުވާ މިންވަރަކުން ކޮންމެ އަހަރަކު ވެސް ކައުންސިލްތަކަށް ދޭ ގްރާންޓްގެ އަދަދު އިތުރުވަމުންދިޔަ ނަމަވެސް، ކޮންމެ އަހަރެއް ނިމޭއިރު ކައުންސިލްތަކުގެ ބޭންކް އެކައުންޓުތަކުގައި ގިނަ އަދަދެއްގެ ފައިސާ ހަރަދު ނުކުރެވި ހުރެ އެވެ. އަދި ބައެއް ކައުންސިލްތަކުން އެންމެ ބޮޑު ހޭދައެއް ކުރަނީ މުވައްޒަފުން އިތުރުކުރުން ފަދަ ރިކަރަންޓް ހަރަދުތަކަށް ކަމަށް ވެސް ބަޖެޓުގައި ފާހަގަކޮށްފައިވެ އެވެ.