މި އަހަރުގެ މިހާތަނަށް ކައުންސިލްތަކަށް ގްރާންޓުގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން މިއީ، މިއަހަރަށް ކަނޑައަޅާފައިވާ ކައުންސިލް ގްރާންޓްގެ ގާތްގަނޑަކަށް 40 ޕަސެންޓެވެ. މިއަހަރުގެ ބަޖެޓުގައި ކައުންސިލް ގްރާންޓްގެ ގޮތުގައި ދޫކުރަން ނިންމާފައިވަނީ 2.5 ބިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ކައުންސިލްތަކަށް ގްރާންޓްގެ ގޮތުގައި ދޫކޮށްފައިވަނީ 700 މިލިއަން ރުފިޔާ އެވެ.
ކައުންސިލްތަކުގެ ބްލޮކް ގްރާންޓުން އެ އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ އާއި ބައެއް އިދާރީ ހަރަދުތައް ވެސް ހަމަޖައްސަ އެވެ.
ބްލޮކް ގްރާންޓަށް އެއް ބިލިއަން ހަރަދު ކުރި އިރު މިދިޔަ ހަފްތާގައި ވަނީ ކައުންސިލްތަކަށް އަލަށް ހޮވުނު ފަރާތްތަކުން އެ އިދާރާތަކާ ރަސްމީކޮށް ހަވާލުވެފަ އެވެ.
ކައުންސިލްތަކަށް 2020 ވަނަ އަހަރުން ފެށިގެން ބަޖެޓު ދޭ ގޮތް ބަދަލުކޮށް، 'ބްލޮކް ގްރާންޓް' ނުވަތަ މަރުކަޒީ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ފައިސާ އަންނަނީ ދެމުންނެވެ. ހިލޭ އެހީ ދޭ މިންވަރު ކަނޑައަޅަން ހަމަޖެހިފައި ވަނީ ދައުލަތުގެ އާމްދަނީގެ ބައިތަކާ ގުޅުވައިގެންނެވެ.
ކައުންސިލްތަކަށް ބަހާ ބްލޮކް ގްރާންޓްގެ މިންވަރު ކަނޑައަޅަނީ ރަށުގެ އާބާދީ އާއި ބިމުގެ ސަރަހައްދާއި އަތޮޅު ވެރިކަން ކުރާ ރަށާއި ހުރި ދުރުމިނާއި މާލެ އާއި ހުރި ދުރުމިނުގެ އިތުރުން ލޯކަލް ގަވަމެންޓް އޮތޯރިޓީން ވަޒަންކޮށް ކައުންސިލްތަކުގެ ޕާފޯމަންސަށް ދޭ ސްކޯއަށް ބަލައިގެންނެވެ.
މިދިޔަ އަހަރު ކައުންސިލްތަކަށް 2.1 ބިލިއަން ރުފިޔާ ބްލޮކް ގްރާންޓްގެ ގޮތުގައި ބަޖެޓްކޮށްފައިވާއިރު 8 މިލިއަން ރުފިޔާ އިތުރަށް ހޭދަކޮށްފައިވެ އެވެ. އޭގެ ކުރީ އަހަރު ވެސް ބްލޮކް ގްރާންޓްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ކައުންސިލްތަކަށް ދޫކޮށްފައިވެ އެވެ.