މި އަހަރުގެ މިހާތަނަށް ކައުންސިލް ގްރާންޓުގެ ގޮތުގައި 634 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 15 ޕަސެންޓު އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ މިހާ ހިސާބަށް ކައުންސިލްތަކަށް ގްރާންޓްގެ ގޮތުގައި ދޫކުރީ 537 މިލިއަން ރުފިޔާ އެވެ.
މި އަހަރަށް ކައުންސިލްތަކަށް ގްރާންޓްގެ ގޮތުގައި ބަޖެޓުގައި 2.5 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. މިދިޔަ އަހަރު ކައުންސިލްތަކަށް 2.1 ބިލިއަން ރުފިޔާ ބްލޮކް ގްރާންޓްގެ ގޮތުގައި ބަޖެޓްކޮށްފައިވާއިރު 8 މިލިއަން ރުފިޔާ އިތުރަށް ހޭދަކޮށްފައިވެ އެވެ. އޭގެ ކުރީ އަހަރު ވެސް ބްލޮކް ގްރާންޓްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ކައުންސިލްތަކަށް ދޫކޮށްފައިވެ އެވެ.
ކައުންސިލްތަކަށް ފައިސާ ދޫކުރުމުގައި އެންމެ ބޮޑު އަދަދެއް ލިބެނީ ސިޓީ ކައުންސިލްތަކަށެވެ. ސިޓީ ކައުންސިލްތަކުގެ ތެރެއިން ވެސް މާލޭ ސިޓީ ކައުންސިލަކީ އެންމެ ބޮޑު އަދަދެއް ލިބޭ ކައުންސިލެވެ.
ކައުންސިލްތަކަށް 2020 ވަނަ އަހަރުން ފެށިގެން ބަޖެޓު ދޭ ގޮތް ބަދަލުކޮށް، 'ބްލޮކް ގްރާންޓް' ނުވަތަ މަރުކަޒީ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ފައިސާ އަންނަނީ ދެމުންނެވެ. ހިލޭ އެހީ ދޭ މިންވަރު ކަނޑައަޅަން ހަމަޖެހިފައި ވަނީ ދައުލަތުގެ އާމްދަނީގެ ބައިތަކާ ގުޅުވައިގެންނެވެ.