ރާއްޖެ އާއި އިޓަލީއާ ދެމެދު ދަތުރުތައް ފަށަން ނިންމައިފި

އިޓަލީގެ ގައުމީ އެއާލައިން އެލިތާލިއާ އިން ރާއްޖެ އަށް ސީދާ ދަތުރުތައް ކުރަން ނިންމައިފި އެވެ.


ޓޫރިޒަމްގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އެލިތާލިއާ އިން ރާއްޖެ އަށް ދަތުރުތައް ފެށުމަށް ނިންމާފައި ވަނީ އަންނަ އޮކްޓޯބަރު 31 އިން ފެށިގެންނެވެ. އެ ގޮތުން ހަފްތާއަކު ތިން ދަތުރު ކުރުމަށް އެއާލައިނުން ވަނީ ނިންމައިފަ އެވެ.

މެކްސިކޯ، ޗައިނާ، ޗިލީ ފަދަ ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ވެސް ދަތުރު ކުރާ އެލިތާލިއާގެ ޗީފް އެގްޒެކްޓިވް އޮފިސަރު ކްރެމާ ބޯލް ވިދާޅުވީ ފިނި މޫސުމާ ދިމާކޮށް އިޓަލީގެ ގައުމީ އެއާލައިނުން ރާއްޖެ އަށް ދަތުރުތައް ފެށުމަށް ނިންމީ ރާއްޖެ އަކީ ޓޫރިޒަމްގެ ދާއިރާގައި މަގުބޫލު މަންޒިލަކަށްވުމުން ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އިޓަލީން 71،200 އަށްވުރެ ގިނަ ޓޫރިސްޓުން ވަނީ ރާއްޖެ އަށް ޒިޔާރަތްކޮށްފަ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 8.5 ޕަސަންޓު އިތުރު އަދަދެއް ކަމަށް ވެސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެލިތާލިޔާ އެއާލައިނުން ރާއްޖެ އަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް 330 ގެ ފްލައިޓެކެވެ. މިއީ 250 މީހުންގެ ޖާގައިގެ ބޯޓެކެވެ.