ރާއްޖެ އަންނަ ފަސިންޖަރުންގެ އަތް ދަބަސް ސްކްރީން ކުރަން ފަށައިފި

ރާއްޖެ އަންނަ ހުރިހާ ފަސިންޖަރުންގެ އަތް ދަބަސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެރަވައިލް ހޯލުގައި ކަސްޓަމުން ސްކްރީން ކުރަން ފަށައިފި އެވެ.


ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް "މިހާރު"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ ފަސިންޖަރުންގެ އަތް ދަބަސް ސްކްރީން ކުރަން ފެށީ ރާއްޖެ އަށް އެތެރެކުރުން މަނާ އެއްޗެއް އެތެރެކުރޭތޯ ބެލުމުގެ ގޮތުން ކަމަށެވެ. އެކަމަށްޓަކައި އެއާޕޯޓްސް ކޮމްޕެނީގެ އެހީގައި ބެހެއްޓި މެޝިން ބޭނުންކުރަން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހޭންޑް ލަގެޖް ސްކްރީން ކުރިޔަސް ޕެސެންޖަރުންނަށް އިތުރު އުނދަގުލެއް ނުވާނެ. މީގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖެ އަށް މަނާ އެއްޗެއް އެތެރެކުރޭތޯ ބެލުން،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ އަންނަ ފަސިންޖަރުންގެ ހޭންޑް ލަގެޖް ސްކްރީން ކުރުމަށް އެއާޕޯޓްގެ އެރައިވަލް ހޯލުގެ އިމިގްރޭޝަނަށް ފަހު ކޮންވޭ ބެލްޓާ ދެމެދު ވަނީ ސްކްރީނިން މެޝިނެއް ބަހައްޓައިފަ އެވެ.

ކޮމިޝަނާ ޖެނެރަލް ޖެނެރަލް ވިދާޅުވީ އަތް ދަބަސް ސްކްރީން ކުރަން ފެށުން ލަސްވީ އެ މެޝިން ބެހެއްޓުމަށް ބޭނުންވާ ޖާގަ ހަމަނުޖެހިގެން ކަމަށެވެ.

"އަންނަ ފަސިންޖަރުންނަށް އަދިވެސް އޮންނާނެ ގްރީން ޗެނަލް. ވަރަށް މަދު ފަސިންޖަރެއް ޑިކްލެއާކުރަން ޖެހޭ އެއްޗެއް ގެންނަނީ،" ޝަރީފް ވިދާޅުވި އެވެ.