އެމްޓީސީސީން މިރޭ ބާއްވާ ހާއްސަ ގޮތަކުން ކުރާ އާއްމު ޖަލްސާ އަށް އެޖެންޑާކޮށްފައިވާ ބައެއް ކަންތައްތަކާ މެދު ހިތްހަމަނުޖެހިގެން، އެ ކުންފުނީގެ ބޯޑު މެމްބަރަކު ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އަށް ޝަކުވާއެއް ހުށަހަޅައިފި އެވެ.
ސީއެމްޑީއޭގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެމްޓީސީސީގެ އެސްޖީއެމްއާ ގުޅޭ ޝަކުވާތަކެއް އެ ކުންފުނީގެ ބޯޑު މެމްބަރަކު ހުށަހަޅާފައިވާ ކަމަށެވެ.
ސީއެމްޑީއޭ އިން ބުނީ އެ ޝަކުވާއާ ގުޅިގެން އެމްޓީސީސީގެ މައިނޯރިޓީ ޝެއާ ހޯލްޑަރުންގެ ހައްގުތަކަށް އުނިކަމެއް އަންނަ އެއްވެސް ކަމެއް މިރޭގެ ޖަލްސާގައި ކޮށްގެން ނުވާނެ ކަމަށެވެ. އަދި ޖަލްސާގެ ކަންކަން ކުރިއަށް ގެންދާނެ ގޮތް ބަލާނެ ކަމަށް ސީއެމްޑީއޭ އިން ބުންޏެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެމްޓީސީސީގެ ބޯޑު މެމްބަރު ސީއެމްޑީއޭ އަށް ޝަކުވާ ހުށަހަޅާފައި ވަނީ އެސްޖީއެމްގައި އެޖެންޑާކޮށްފައިވާ ބައެއް ނިންމުންތަކާ މެދު ޚިޔާލު ތަފާތުވުންތަކެއް ހުރެގެންނެވެ. އަދި އެ ނިންމުންތަކަކީ އެ ކުންފުނީގެ އަސާސީ ގަވައިދާ ޚިލާފަށް ނިންމަން އެޖެންޑާކޮށްފައިވާ ކަންތައްތަކެއް ކަމަށް ވެސް އެ މެމްބަރު ހުށަހަޅާފައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން އެމްޓީސީސީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
އެމްޓީސީސީން މި މަހުގެ 11 ވަނަ ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މިރޭ ހޮޓެލް ޖެންގައި ބާއްވަން ނިންމާފައިވާ ޖަލްސާގައި އެޖެންޑާކޮށްފައި ވަނީ އެ ކުންފުނިން ދޫކޮށްފައިވާ ހިއްސާގެ މޫނުމަތީ އަގު ދަށްކުރުމާއި ކުންފުނީގެ ހިއްސާދާރުންނަށް ހާއްސަކޮށްފައިވާ ރައިޓް އިޝޫއާ ގުޅޭ ކަންތައްތައް ކަމަށެވެ.