މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާގެ މާލީ ހިސާބުތަކާއި އޮޑިޓްކޮށްފައިވާ ހިސާބުތައް ހާމަކޮށްފައި ނުވާތީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އެމްޓީސީސީ 30،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
ސީއެމްޑީއޭ އިން ނެރުނު ބަޔާނުގައިވާ ގޮތުގައި، ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުން މައުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދުގެ 46 ވަނަ މާއްދާގެ ދަށުން އެ ގަވައިދަށް އަމަލުނުކުރާ ނުވަތަ ހިލާފުވާ ކުންފުނިތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު ސީއެމްޑީއޭއަށް އޮވެ އެވެ.
ސީއެމްޑީއޭއިން ބުނީ، މިދިޔަ އަހަރުގެ ފަހު ކުއާޓާ އާއި އެ އަހަރުގެ އޮޑިޓްކޮށްފައިވާ ހިސާބުތައް ހުށަހަޅާފައިނުވާތީ 30،000ރ. ޖޫރިމަނާކޮށްފައިވާކަން އެމްޓީސީސީއަށް ވެސް އަންގާފައިވާ ކަމަށެވެ.
ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގެ ދަށުން، ރާއްޖޭގެ ސެކިއުރިޓީޒް ބާޒާރު ރެގިއުލޭޓްކޮށް ތަރައްގީކުރުމަށް އުފައްދާފައިވާ މިނިވަން މުއައްސަސާއަކީ ސީއެމްޑީއޭ އެވެ. މާލީ ހިސާބުތައް ހުށަހެޅުމާއި އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ ކަންކަމުގެ ގަވާއިދާ އެއްގޮަތަށް ކުރިއަށްދޭތޯ ބެލުމާއި ހިއްސާގެ ބާޒާރުގެ ކަންކަން ވެސް ސީއެމްޑީއޭއިން ބަލަހައްޓާނެ އެވެ.
ސެކިއުރިޓީޒްގެ މުއާމަލާތުތަކުގައި ނޭދެވޭ އަމަލުތައް ހިންގިޔަ ނުދިނުމާއި، ސެކިއުރިޓީޒް ބާޒާރާ މެދު އިތުބާރު ގެއްލޭފަދަ އަމަލު ހިންގިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ވެސް އެ އިދާރާއަށް ލިބިފައިވެ އެވެ.