އަކިރިފުށީގައި ހަދާ 137 އެނދުގެ ރިސޯޓު އަންނަ އަހަރު ހުޅުވަނީ

ކ. އަކިރިފުށީގައި ހަދާ 137 އެނދުގެ ރިސޯޓު އަންނަ އަހަރުގެ ޖުލައި މަހު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.


ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓުން އަކިރިފުށީގައި ތަރައްގީކުރާ ރިސޯޓު ހުޅުވަނީ "އޯ ބްލޫ ސިލެކްޓް އެޓް ސަންގެލި"ގެ ނަމުގަ އެވެ. އެ ރަށް އެޓްމޮސްފިއާ އަށް ދިނީ ކޮން އުސޫލަކުން ކަމެއް އަދި ކޮން އިރަކު ކަމެއް ޓޫރިޒަމް މިނިސްޓްރީން ސާފުވާ ގޮތެއްނުވި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައި ވަނީ ޑައިވްކުރަން ހިތްގައިމު ސަރަހައްދެއްގައި އޮންނަ ރަށުގައި ތަރައްގީކުރަނީ ހަތަރު ތަރީގެ ރިސޯޓެއް ކަމަށެވެ. އަދި އެ ރިސޯޓުގައި ވެސް އެއްގަމު ކޮޓަރިތަކާއި މޫދު ކޮޓަރިތަކެއް ވެސް ހުންނާނެ ކަމަށް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

އެ ރިސޯޓާ ބެހޭ ގޮތުން އެ ވެބްސައިޓްގައި ބުނެފައި ވަނީ ހަނީމޫނަށް އަންނަ މީހުންނަށް ހާއްސަކޮށްގެން ހަނީމޫން ޕޫލަކާއެކު ސުއިޓެއް އެ ރަށުގެ ފަޅު ތެރޭގައި އޮންނަ ދޮންވެލި ފިނޮޅަކާ ގުޅުވައިގެން ހަދާނެ ކަމަށެވެ. އަދި އެތަނުގައި ތިބޭއިރު ހަނދުވަރު ރޭތަކުގައި އުޑުމަތީގެ ރީތި މަންޒަރުތައް ފެންނާނެ ކަމަށް ވެސް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

އޯ ބްލޫ ސިލެކްޓްގެ ނަމުގައި އެ ރިސޯޓު ހުޅުވާއިރު އެޓްމޮސްފިއާ ކުންފުނިން އޯ ބްލޫ ބައި އެޓްމޮސްފިއާ ހެލެނގެލި އާއި އެޓްމޮސްފިއާ ކަނިފުށި އަދި އޯޒެން ބައި މާދޫގެ ނަމުގައި ވެސް ރިސޯޓެއް ހިންގަ އެވެ.