ވެލާނާ އެއާޕޯޓުގައި އަލަށް ހަދާ ރެސްޓޯރަންޓްތަކުގެ މަސައްކަތް ނޮވެމްބަރު މަހު ނިމޭނެ: އެމްއޭސީއެލް

ވެލާނާ އެއާޕޯޓުގައި އަލަށް ހަދާ ރެސްޓޯރަންޓްތަކުގެ މަސައްކަތް ނޮވެމްބަރު މަހު ނިމޭނެ ކަމަށް އެމްއޭސީއެލް އިން މިއަދު ބުނެފި އެވެ.


އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް ކުރިމަތީގައި ހަދާ ގާތްގަނޑަކަށް 300 މީހުންގެ ޖާގައިގެ ރެސްޓޯރަންޓް އިމާރާތުގެ ސްޓީލްގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ.

"މުޅި އިމާރާތް ހަދަނީ ސްޓީލް އަދި ބިއްލޫރި ބޭނުންކޮށްގެން. އަޅުގަނޑުމެން މި މަސައްކަތް ނިމި ޑިސެމްބަރު މަހު ހުޅުވަން މަސައްކަތްކުރަމުން ދަނީ،" އޭނާ ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހަދާ ފާސްޓްފުޑް ރެސްޓޯރަންޓް އިމާރާތުގެ މަސައްކަތް

އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ނިންމާފައި ވަނީ އެތަނަށް ދުނިޔޭގެ މަޝްހޫރު ފާސްޓް ފުޑް ރެސްޓޯރަންޓްތައް ގެންނާށެވެ.

އޮފިޝަލް ވިދާޅުވީ އަލަށް ހަދާ ތަނުގައި ހަ ރެސްޓޯރަންޓް، ކެފޭ ހިންގުމުގެ ޖާގަ ހުންނާނެ ކަމަށެވެ. އެގޮތުން ކޮފީ ޝޮޕެއް ހިންގަން 231 އަކަމީޓަރުގެ ސަރަހައްދެއް ދިނުމަށް ހަމަޖެހިފައިވެ އެވެ. އަދި ޑޯނަޓް ވިއްކަން ހާއްސަކޮށްގެން 80 އަކަމީޓަރު، ކެޝުއަލް ޑައިނިން އަށް 302 އަކަމީޓަރު، ފާސްޓްފުޑް ކޮންސެޕްޓް ރެސްޓޯރަންޓަކަށް 171 އަކަމީޓަރު، ޕިއްޒާ ވިއްކަން 99 އަކަމީޓަރު އަދި އައިސްކްރީމް ވިއްކަން 14 އަކަމީޓަރުގެ ސަރަހައްދު ހަމަޖައްސާފައިވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހަދާ ފާސްޓްފުޑް ރެސްޓޯރަންޓް އިމާރާތުގެ މަސައްކަތްކުރަނީ: އެތަން އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ނިމޭނެ. ފޮޓޯ: އެމްއޭސީއެލް

ސްޓާ ބަކްސްގެ އިތުރުން ޑޯނަޓާއި ޕޭސްޓްރީ ވިއްކާ ތަނެއް ހިންގަން މަޝްހޫރު "ޑަންކިން ޑޯނަޓްސް" އަށާއި "ކްރިސްޕީ ކްރީމް" އަށާއި ކެޝުއަލް ޑައިނިން އަށް މަޝްހޫރު ނަންޑޯސް އަދި ހާޑްރޮކް ކެފޭ އަށާއި ފާސްޓް ފުޑް ވިއްކަން ކެންޓަކީ ފްރައިޑް ޗިކަން (ކޭއެފްސީ) ނުވަތަ މެކްޑޮނަލްސް އަށް އެމްއޭސީއެލުން ދައުވަތު ދީފައިވެ އެވެ. މީގެ އިތުރުން ޕިއްޒާ އަށް ޑޮމިނޯސް ނުވަތަ ޕިއްޒާ ހަޓަށް ހުޅުވާލިއިރު އައިސް ކްރީމް ވިއްކުމަށް ހާގެންޑާޒް ނުވަތަ ބާސްކިން ރޮބިންސް އަށް ފުރުސަތު ދީފައިވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެކަމަކު އާ ޓާމިނަލް އަޅަން ހިންގާ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނެ ދުވަހެއް އެމްއޭސީއެލްއަކުން އަދި އިއުލާނެއް ނުކުރެ އެވެ.