ރެޑް ވޭވްގެ އަށް ވަނަ ފިހާރަ، އެތަނުގެ ޖެނެރަލް މެނޭޖަރު ޝުޖާއު މިރޭ ހުޅުވައި ދެއްވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
04 ޑިސެމްބަރ 2017 - 00:55
މާލޭގައި ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރިކުރާ ރެޑް ވޭވްގެ އަށް ވަނަ ފިހާރަ، އިލެކްޓްރޯނިކް ސާމާނު ވިއްކުމަށް ޚާއްސަކޮށް މިރޭ ހުޅުވައިފި އެވެ.
އެފްޑީއައި ސްޓޭޝަންގެ ކުރިމައްޗަށް ވާ ގޮތަށް ފާމްދޭރިމަގުގައި ހަދާފައިވާ މި ފިހާރައިގައި ބޭއްވި ކުޑަ ހަފުލާއެއްގައި އެތަން ރަސްމީކޮށް ހުޅުވައި ދެއްވީ ރެޑް ވޭވްގެ ޖެނެރަލް މެނޭޖަރު އަދި ބާރަށު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ އަދި އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމްގެ ރެޑް ވޭވްގެ އާ ފިހާރައާ ގުޅޭގޮތުން އެތަނުގެ އޮފިޝަލަކު ވިދާޅުވީ، އެއީ އިލެކްޓްރޯނިކް ސާމާނަށް ޚާއްސަ ކޮށްފައިވާ ފިހާރައެއް ކަމަށެވެ.
"މިތަނުން އަޅުގަނޑުމެން ބޮޑަށް ޓާގެޓް ކޮށްފައި ވާނީ ލެޕްޓޮޕް، ކާޓްރިޖް، ޕީއެސްފޯ އަދި އެއާ ގުޅޭ ސީޑީތަކަށް. އަދި ހުރިހާ ވައްތަރެއްގެ ޓީވީ ވެސް ހެޔޮ އަގުގައި ލިބޭނެ. ފަހުގެ ފޯނުތައް ވެސް މިތަނުން ވިއްކާނެ،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ރެޑް ވޭވް ޕްލާޒާގެ މަތީ ބައިގައި ވިއްކި އިލެކްޓްރޯނިކް ސާމާނުތައް ވެސް އާ ފިހާރަ އިން ލިބެން ހުންނާނެ އެވެ.
އިލެކްޓްރޯނިކް ސާމާނު ވިއްކުމަށް ޚާއްސަ ފިހާރައެއް ރެޑް ވޭވުން މިރޭ ހުޅުވިއިރު، އެތަނުގެ ހަތްވަނަ ފިހާރަ ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުވައިފަ އެވެ.
ދުނބުރި މިސްކިތް ހުންނަ ކާނޭޝަން މަގުގައި ހުޅުވި އެ ފިހާރައިން، ރެޑް ވޭވްގެ އެހެން ފިހާރަތަކުން ލިބޭ ހުރިހާ މުދަލެއް އެއް އަގެއްގައި ލިބެން ހުންނާނެ ކަމަށް ވަނީ ބުނެފަ އެވެ.
އެ ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު "މިހާރު" އާ ވާހަކަ ދައްކަވަމުން ރެޑް ވޭވްގެ ޖީއެމް ޝުޖާއު ވިދާޅުވީ، ފަރުނީޗަރު ފިހާރަ އަކާއި މޮބައިލް ފޯނު ވިއްކާ ފިހާރައެއް ވެސް ރެޑް ވޭވުން ހުޅުވަން ނިންމާފައިވާ ކަމަށެވެ. ފަރުނީޗަރު ފިހާރަ ހުޅުވަން މަސައްކަތް ކުރަނީ އަންނަ ޖެނުއަރީ މަހު ހެންވޭރުގަ އެވެ. މޮބައިލް ފޯނު ވިއްކާ ފިހާރަ ހުޅުވަން މަސައްކަތް ކުރަނީ އަންނަ އަހަރުގެ މާޗް މަހު އެވެ.
ރެޑް ވޭވުން ވަނީ ހުޅުމާލޭގެ ނެއިބާ ހުޑް އެކެއްގައި ބޮޑު ސުޕަ މާކެޓެއް ހެދުމުގެ މަސައްކަތް ވެސް މިހާރު ފަށައިފަ އެވެ. ޝުޖާއު ވިދާޅުވީ ހުޅުމާލޭގައި ހަދާ ރެޑް ވޭވްގެ މެގަ މޯލް އަންނަ އަހަރުގެ ރޯދަ މަހަށް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިރޭ އަލަށް ހުޅުވި ފިހާރައާ އެކު، ރެޑް ވޭވުން މާލޭގައި މިހާރު އަށް ފިހާރަ ހިންގާއިރު ހުޅުމާލޭގައި ރެޑް ވޭވް ސިޓީ ސްކޮއާގެ ނަމުގައި ބޮޑު ފިހާރައެއް ހިންގަ އެވެ. އެއީ ހުޅުމާލޭގައި ހިންގާ އެންމެ ބޮޑު ފިހާރަ ވެސް މެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު
05 December 2017
އަޅޭމަށަކީވެސް 18 އަހަރުން ފެށިގެން ރިސޯޓެއްގަ ވަޒިފާ އަދާކުރާމީހެއް މިހާރު 40 އަހަރު ވެއްޖެ 22 އަހަރު މިވަނީ އަނބި ދަރިޔާ މައިން ބަފައިންނާ އެއްބަނޑުތިމާގެ މީހުންނާ ބައްދަލުވަނީ 6 މަހުން ނުވަތަ އަހަރަކު އެއްފަހަރު ސިނގިރޭޓެއް ރެޑްބުލެއްނުބޮން މަހަކު 8000 ރުފިޔާ ލިބޭ މަށައް ބާކީކުރެވެނީ 2500 ރުފިޔާ ގާތްމީހަކައް ކަމެއް ދަމެއްބޮޑުވެ ފޮރުވިފަކާނޯވޭ ރަށައްދާން ޓިކެޓެއް ނަގާފަ ލޯންޗު ހަރަދު ދޭއިރައް ހުސްވޭ ރިސޯޓު ހިއްސާއެއް ނުލިބޭ ފިހާރަޔެއްވެސް ނުހުޅުވުނު ފުލެޓު ލިބުމަކައް ޝަރުތެއް ހަމަޔެއްނުވޭ އީދެއްހައްޖެއް ހުކުރެއް ނުލިބި އެވަގުތު ތަކުގަވެސް ޑިޔުޓީގަ ހުންނަން ގިނަފަހަރައް ޖެހެނީ ސަލީމޫ ކިހިނެއްތަ ތިހާބައިވަރު ލާރިހޯދަނީ ހަމަޔަގީންތަ އަހަރުމެން މަސަތްކަތް ތެރިންގެ ހައްގުތަކައް އަރައި ނުގަންނަންތަ މިނިވަން ވޭޖެއް އެބަވޭތަ އަހަރެމެން ރިސޯޓު މުވައްޒަފުންގެ މިންވަރަކީ މީތަ ؟
އިޔާ
04 December 2017
މޮނޮޕޮލީ