ކޭބަލާ ނުލައި ރައުޓަރެއް މެދުވެރިކޮށް ހައި ސްޕީޑް އިންޓަނެޓްގެ ޚިދުމަތް ދިރާގުން ދޭން ފަށައިފި އެވެ.
އެ ކުންފުނިން މިއަދު ތައާރަފްކުރި އެލްޓީއީ ބްރޯޑްބޭންޑަކީ ވަރަށް ފަސޭހަކަމާއެކު އިންޓަނެޓް ބޭނުންކުރެވޭ ޚިދުމަތެކެވެ.
އެލްޓީއީ ބްރޯޑްބޭންޑްގެ ޚިދުމަތް ތައާރަފް ކުރުމަށް ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖަ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ، ފައިބާ ފިކްސްޑް ބްރޯޑް ބޭންޑްގެ ހިދުމަތް ހޯދުމަށް ހަފުތާއެއްހާ ދުވަސް ހޭދަވިޔަސް އެލްޓީއީ ރައުޓަރެއް ހޯދުމުން ވަގުތުން އިންޓަނެޓް ލިބޭނެ ކަމަށެވެ.
"މި ޚިދުމަތް ބޮޑަށް ފައްކާ ކޮށްފައި މިވަނީ ބޭނުންތަކަށް ގެންދެވޭނެ ޚިދުމަތެއްގެ ގޮތުގައި. އެއީ ގެ ބަދަލުވާން ޖެހުނު ނަމަވެސް މި ޚިދުމަތް ދަތިތަކަމަކާ ނުލައި ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
މިރުޝާން ވިދާޅުވި ގޮތުގައި، އެ ޚިދުމަތް ތައާރަފްކުރީ ތަފާތު ހަތަރު ޕެކޭޖަކާ އެކު އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ދިރާގުގެ ޕްރޮޑަކްޓް މެނޭޖަރު ޖަނާ އިބްރާހިމް ވިދާޅުވީ، އެލްޓީއީ ބްރޯޑްބޭންޑާއެކު 499ރ. އިން ފެށިގެން 1،499ރ. އާ ދެމެދުގެ ޕެކޭޖްތަކެއް ހުންނާނެ ކަމަށެވެ. އަދި އެއިން ކޮންމެ ޕެކެޖެއް ވެސް ހަދާފައި ވަނީ އިތުރަށް ބިލް ބޮޑު ނުވާ ގޮތަށް ފެއާ ޔޫޒޭޖް އެލަވަންސާ އެކީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ޚިދުމަތް ޕޯސްޓްޕެއިޑްކޮށް އަދި ޕްރީޕެއިޑްކޮށް ވެސް ނެގޭނެ. މި ޚިދުމަތް ހޯދާ ޕޯސްޕެއިޑް ކަސްޓަމަރުންނަށް ވަރަށް ރަނގަޅު ޕްރޮމޯޝަނެއް ވަނީ ތައާރަފްކޮށްފައި. އެގޮތުން ކޮންޓްރެކްޓަކާ އެކީ ހިލޭ ރައުޓަރެއް ވެސް ލިބިވަޑައިގަންނަވާނެ،" ޖަނާ ވިދާޅުވި އެވެ.