ތ. ރުއްތިބީގައި ފަސްތަރީގެ ފެންވަރަށް ހަދާ 170 ކޮޓަރީގެ ރިސޯޓުގެ ބިންގާ އަޅައިފި އެވެ.
ސިންގަޕޫރުގެ އެމްއެސްއެން ރިއަލިޓީ ކިޔާ ކުންފުންޏަކުން ހަދާ "ދަ އިންޑަސް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ"ގެ ބިންގާ އަޅުއްވައިދެއްވީ އެ ރަށުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަލްޑީ މުޒައްވިރުގެ އިތުރުން ޑިރެކްޓަރު ފައިސަލް އިބްރާހީމް އެވެ.
އެ ކުންފުނިން ބުނީ އަމާޒަކީ އަންނަ އަހަރުގެ ޑިސެމްބަރު މަހު އެ ރިސޯޓު ހުޅުވުން ކަމަށެވެ. އަދި އެ ރިސޯޓު ތަރައްގީކޮށް ނިމޭއިރު ހަތަރު ރެސްޓޯރެންޓެއް ހުރެ އެވެ. އޭގެ ތެރޭގައި ބޯޓެއްގެ ސިފައިގައި މޫދުގައި ހަދާ ފްލޯޓިން ރެސްޓޯރެންޓެއް ވެސް ހިމެނެ އެވެ. އަދި އެ ރިސޯޓާ ކައިރީގައި ތިން ޕްރައިވެޓް އައިލެންޑާއި ޕިކްނިކް ރަށެއް ވެސް ތަރައްގީކުރަން ނިންމާފައިވާ ކަމަށް އެމްއެސްއެން ރިއަލިޓީން ބުންޏެވެ.
ރުއްތިބި އަކީ ތިމަރަފުށި އެއާޕޯޓު ތަރައްގީ ކުރުމުން ސަބްސިޑީއެއްގެ ގޮތުގައި ސަރުކާރުން ދިން ރަށެކެވެ.
ކިނބިދޫން ފުރައިގެން ފަސް ވަރަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރަށް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އެ ކުންފުނިން އިއުލާންކުރުމުން އެ ބިޑް ކާމިޔާބުކުރީ އެމްއެސްއެން ރިއަލިޓީން އެވެ. އަދި އެ ކުންފުންޏާއެކު އައިލެންޑް އޭވިއޭޝަނުން 49 އަހަރުގެ ސަބްލީސް އެއްބަސްވުމުގައި ސޮއިކުރީ 2016 ވަނަ އަހަރު އެވެ.
އެ އަތޮޅުގައި މި ވަގުތު އޮތީ އެންމެ ރިސޯޓެކެވެ. އެއީ މާލެފުށީގައި ސިންގަޕޫރުގެ ކޯމޯ ހޮޓެލްސް އެންޑް ރިސޯޓުން ތަރައްގީކޮށް ހިންގާ ފަސް ތަރީގެ ރިސޯޓެކެވެ.