އާޓާ އިން ސައުތު އެފްރިކާގައި ރާއްޖެ އިސްތިހާރު ކުރަނީ

މޯލްޑިވިއަންގެ ދަތުރުތައް ސައުތު އެފްރިކާ އަށް ފަށާތީ، އެސޯސިއެޝަން އޮފް ޓްރެވަލް އެޖެންޓްސް (އާޓާ) އިން އެ ގައުމުގައި ރާއްޖެ އިސްތިހާރުކުރަން ތައްޔާރުވެއްޖެ އެވެ.


އާޓާގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނަރަލް ރަޝާ އަހުމަދު ވިދާޅުވި ގޮތުގައި ސައުތު އެފްރިކާގައި ރާއްޖެ އިސްތިހާރު ކުރަނީ ސައުތު އެފްރިކާގެ ކުންފުންޏެއް ކަމަށްވާ ޕާފެކްޓް ޑެސްޓިނޭޝަނާ ގުޅިގެންނެވެ. ޕްރޮމޯޝަން ހަރަކާތްތަކުގެ ތެރޭގައި ރާއްޖެއާ ގުޅޭ ޓްރެވަލް ޓްރޭޑް ވޯކްޝޮޕަކާއި ރޯޑް ޝޯތަކެއް ބޭއްވުން ހިމެނެ އެވެ.

ރޯޑް ޝޯތައް ބާއްވާނީ އަންނަ މަހުގެ 12-14 އަށެވެ. މި ޝޯތައް ބާއްވާނީ ޖޮހަނެސްބާގް، ޑާބަން އަދި ކޭޕް ޓައުންގަ އެވެ.

"މިއީ ރާއްޖެ އިސްތިހާރު ކުރަން ސައުތު އެފްރިކާގައި ބާއްވާ މިފަދަ އެންމެ ފުރަތަމަ ހަރަކާތް. ކާމިޔާބު ވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރަން،" ރަޝާ ވިދާޅުވި އެވެ.

ރަޝާ ވިދާޅުވީ މި ހަރަކާތްތަކުގެ ތެރެއިން ސައުތު އެފްރިކާގެ 300 އެއްހާ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނަށް ރާއްޖެ އިސްތިހާރު ކުރާނެ ކަމަށެވެ. އަދި އެ ފަރާތްތަކާއި ރާއްޖޭން ބައިވެރިވާ ބޭފުޅުންނާ ގުޅުން ބަދަހިވެގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޔުނިވާސަލް ރިސޯޓާއި ވިލާ ރިސޯޓްގެ އިތުރުން ބައްޔަންޓްރީ ވައްބިންފަރު އަދި އަދާރަން ރިސޯޓުން މި ހަރަކާތްތަކުގައި ބައިވެރިވާނެ ކަމަށް ރަޝާ ވިދާޅުވި އެވެ.

ސައުތު އެފްރިކާ އަށް މޯލްޑިވިއަންގެ ދަތުރުތައް އޮކްޓޫބަރު، ނޮވެމްބަރުގެ ތެރޭގައި ފަށާނެ ކަމަށް ރަޝާ ވިދާޅުވި އެވެ. ނަމަވެސް މޯލްޑިވިއަނުން އެކަން އަދި އިއުލާނެއް ނުކުރެ އެވެ. މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަންގެ އެމްޑީ އަބްދުލް ހާރިސް ވިދާޅުވީ ދަތުރުތައް ފެށުމަށް ތައްޔާރީތައް ކުރިއަށްދާ ކަމަށާއި ވަކި ތާރީހެއް ހާމަކުރެވޭނީ ހުއްދަތައް ލިބުމުން ކަމަށެވެ

"ތައްޔާރީތައް ކުރިއަށް އެބަދޭ، ހުއްދަތައް ހޯދުން ކަހަލަ ކަންކަން. އެ ހުއްދަތަކާ އެއްޗެހި ލިބުނީމަ އަޅުގަނޑުމެންނަށް އިއުލާނު ކުރެވޭނީ ދަތުރުތައް ފެށޭނެ ދުވަހެއް،" ހާރިސް ވިދާޅުވި އެވެ.

އާޓާ އަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ވަރުގަދަކޮށް، އިތުރަށް ފުޅާކުރުމަށް ޓްރެވަލް އެޖެންޓުންނާއި ޓްއާ އޮޕަރޭޓަރުން ގުޅިގެން 2014 ވަނަ އަހަރު އުފައްދާފައިވާ ޖަމިއްޔާއެކެވެ.