ކާޑު ހެއްދުމާއި ލޯނަށް އެދި ހުށަހެޅުން ފަދަ އިތުރު ހިދުމަތްތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިބޭ ގޮތް ހަދައިފި އެވެ.

މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އެ ބޭންކުން ފަށާފައިވާ "އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ދަށުން އިންޓަނެޓް ބޭންކިން އަށް ގެނައި ބަދަލުތައް ތައާރަފްކުރީ މިއަދު ބީއެމްއެލް ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފެވެ.

ޝަރީފް ވިދާޅުވީ، މިއަދުން ފެށިގެން ބީއެމްއެލް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކްރެޑިޓް އަދި ޑެބިޓް ކާޑަށް އެދެވޭނެ ކަމަށެވެ. އަދި އެކައުންޓް ހުޅުވުމާއި މައުލޫމާތު ފޯމް ވެސް ހުށަހެޅޭ ގޮތް ވަނީ ހަދައިފަ އެވެ. މީގެ އިތުރުން ލުއި ލޯނު ފަދަ ހިދުމަތްތައް ވެސް އޮންލައިން ކޮށް ލިބޭނެ ކަމަށެވެ.

"މި ދެންނެވި ހިދުމަތްތައް ބޭންކްގެ ކިއުގައި ނުޖެހި ގޭގައި ތިއްބަވައިގެން މިއަދުން ފެށިގެން ހޯއްދެވޭނެ. އަޅުގަނޑު ގަބޫލުކުރާގޮތުގައި މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ވަރަށް ލުއިފަސޭހަތަކެއް ލިބިގެން ދާނެ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭންކުން ކަސްޓަމަރުން ހޯދާފައިވާ ހިދުމަތްތަކުގެ 90 ޕަސެންޓް މިހާރު ވެސް ހިއްސާ ކުރަނީ އޮންލައިން ހިދުމަތްތަކުން ކަމަށެވެ.

އިންޓަނެޓް ބޭންކިން އިން އަލަށް ދޭން ފެށި ހިދުމަތްތައް ބޭނުން ކުރެވޭނީ، ބީއެމްއެލް އޮންލައިން ބޭންކިން އަށް ވަނުމަށް ފަހު "ސާވިސް" އަށް ގޮސް ބޭނުންވާ ހިދުމަތެއް ނެގުމުންނެވެ.

ބޭންކަށް ގޮސް ހިދުމަތް ހޯދަންޖެހޭ މިންވަރު މަދު ކުރުމަށް ބީއެމްއެލް އިން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އޮންލައިން ބޭންކިން ހިދުމަތުގެ އިތުރުން ސެލްފް ސާވިސް އޭޓީއެމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ބަހައްޓަމުންނެވެ.