ސަރުކާރުން އުވާލަން ނިންމާފައިވާ، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ން ހިންގި ގާ ފިހާރައިން ގާ ވިއްކުން ހުއްޓާލައިފި އެވެ.

އެ ކުންފުނީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެމްއާރުޑީސީގެ ބައެއް މަސައްކަތްތައް ހައުސިން މިނިސްޓްރީއާ ހަވާލުކުރުމުގެ މަސައްކަތްކުރިޔަށްދާތީ، އެ ކުންފުނިން ހިންގި ގާ ފިހާރައިން ގާ ވިއްކުން އިއްޔެއިން ފެށިގެން ހުއްޓާލާފައިވާ ކަމަށެވެ.

"އިއްޔެ އާއި މިއަދު އެ ފިހާރައިން ގަލެއް ނުވިއްކާނެ. ދެން އެތަނުގެ ވިޔަފާރި ކުރިޔަށް ގެންދާނީ ހައުސިން މިނިސްޓްރީން،" އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ އެމްއާރުޑީސީން ކުރަމުން އައި ގަލުގެ މަސައްކަތް ހުއްޓާލާއިރު، އެ ކުންފުނިން ހިންގި ގާ ފިހާރަ ވެސް ދެން ހިންގާނީ ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސެކްޝަނުގެ ބެލުމުގެ ދަށުންނެވެ.

އެމްއާރުޑީސީގެ ގާ ފިހާރައިން ވިއްކާ ގާ ޕެލެޓްތަކެއް ބަހައްޓާފައި: އެ ކުންފުނިން ވަނީ ގާ ވިއްކުން ހުއްޓާލާފައި. ފޮޓޯ: ނިޝާން އަލީ /މިހާރު
އެމްއާރުޑީސީގެ ގާ ފިހާރައިން ވިއްކާ ގާ ޕެލެޓްތަކެއް ބަހައްޓާފައި: އެ ކުންފުނިން ވަނީ ގާ ވިއްކުން ހުއްޓާލާފައި. ފޮޓޯ: ނިޝާން އަލީ /މިހާރު

އެމްއާރުޑީސީން ހިންގި ގާ ފިހާރަ އަކީ ގާ ވިއްކުމާއި ގާ ޑިސްޓްރިބިއުޓް ވެސް ކޮށްދޭ ތަނެވެ. ރާނަން ބޭނުންކުރާ ހަ އިންޗި އާއި ހަތަރު އިންޗީގެ ހޮލޯ އަދި ސޮލިޑް ގަލުގެ އިތުރުން ރާނަން ބޭނުންކުރާ ޕޭވްމެންޓް ގަލާއި ޕޭވްމެންޓްގައި އަޅާ ގަލާއި ބާގީޗާ ފަދަ ވޯލްކްވޭ ތަކުގައި އަޅާ ޑައިމަންޑް ބައްްޓަމަށް ހުންނަ ގާ ވެސް އެމްއާރުޑީސީގެ ގާ ފިހާރަ އިން ވިއްކަ އެވެ.

އެ ކުންފުނި އުވާލުމަށް ނިންމައި، އެ ކުންފުނީގެ ފަރާތުން އެއްވެސް ފައިސާއެއް ލިބެން ޖެހޭ ބަޔަކު ނޫނީ ކުންފުންޏެއް އޮތްތޯ ބެލުމަށް މިދިޔަ މަހުގެ 15 ވަނަ ދުވަހު ވަނީ އިއުލާންކޮށްފަ އެވެ.

އެމްއާރުޑީސީއަކީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އެޅިފައިވާ ކުންފުންޏެކެވެ. އަދި އެއީ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ މެނޭޖިން ޑިރެކްޓަރުން އައްޔަންކުރި ކުންފުނި ވެސް މެ އެވެ. މިހާތަނަށް އެ ކުންފުނީގައި ފަސް މެނޭޖިން ޑިރެކްޓަރުން މަސައްކަތްކޮށްފައިވެ އެވެ.