އުވާލަން ނިންމާފައިވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ން ކުރަމުން އައި ގަލާ ބެހޭ ހުރިހާ މަސައްކަތެއް ހައުސިން މިނިސްޓްރީއާ ހަވާލު ކުރަން ނިންމައިފި އެވެ.

އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދީ އަގީލް މިއަދު ވިދާޅުވީ، އެ ކުންފުނި އުވާލަން ސަރުކާރުން ނިންމުމާ ގުޅިގެން، އެ ތަނުން ކުރަމުން އައި ގިނަ މަސައްކަތްތައް ހަވާލުކުރަން ނިންމާފައި ވަނީ ހައުސިިން މިނިސްޓްރީއާ ކަމަށެވެ. އެހެންވެ، ގަލާ ބެހޭ ހުރިހާ ކަމެއް ވެސް ހައުސިން މިނިސްޓްރީއާ ހަވާލުކުރަން ސަރުކާރުން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއާރުޑީސީން ކުރަމުން އައި ގަލުގެ މަސައްކަތް ހުއްޓާލާއިރު، އެ ކުންފުނިން ހިންގި ގާ ފިހާރަ ވެސް ދެން ހިންގާނީ ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސެކްޝަނުގެ ބެލުމުގެ ދަށުންނެވެ.

ގާ ފިހާރަ އަކީ ގާ ވިއްކުމާއި ގާ ޑިސްޓްރިބިއުޓް ވެސް ކޮށްދޭ ތަނެވެ. ރާނަން ބޭނުންކުރާ ހަ އިންޗި އާއި ހަތަރު އިންޗީގެ ހޮލޯ އަދި ސޮލިޑް ގަލުގެ އިތުރުން ރާނަން ބޭނުންކުރާ ޕޭވްމެންޓް ގަލާއި ޕޭވްމެންޓްގައި އަޅާ ގަލާއި ބާގީޗާ ފަދަ ވޯލްކްވޭ ތަކުގައި އަޅާ ޑައިމަންޑް ބައްްޓަމަށް ހުންނަ ގާ ވެސް އެމްއާރުޑީސީގެ ގާ ފިހާރަ އިން ވިއްކަ އެވެ.