މަތީ ފެންވަރު ޕްރައިވެޓް އައިލެންޑް "ކުޑަދޫ" ހުޅުވަނީ

ޅ. އަތޮޅުގައި ހަދާ މަތީ ފެންވަރުގެ ޕްރައިވެޓް އައިލެންޑް، "ކުޑަދޫ ޕްރައިވެޓް އައިލެންޑް ބައި ހުރަވަޅި" މިއަހަރު ފަހުކޮޅު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.


ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައި ވަނީ ރާއްޖޭގެ މަޝްހޫރު ޓޫރިޒަމް ކުންފުނި، ކްރައުން އެންޑް ޗަމްޕާ ރިސޯޓުން ހިތްގައިމު ޑިޒައިންތަކަށް ހަދާ ޕްރައިވެޓް އައިލެންޑްގައި 15 ލަގްޒަރީ ވިލާ ހުންނާނެ ކަމަށެވެ. މި ޕްރައިވެޓް އައިލެންޑް އޮންނަނީ އެ ކުންފުނިން މިދިޔަ އަހަރު ހުޅުވި ހުރަވަޅި ރިސޯޓު ކައިރީގަ އެވެ. އެ ރިސޯޓުން ކުޑަދޫ އަށް ފަސް މިނެޓުން ދެވެ އެވެ.

ކުޑަދޫ ޕްރައިވެޓް އައިލެންޑް ޑިޒައިންކުރީ ދުނިޔޭގެ މަޝްހޫރު އާކިޓެކްޓެއް ކަމަށްވާ ޖަޕާނުގެ ޔޫޖީ ޔަމަސާކީ އެވެ. އެ ރަށަށް އަންނަ ގެސްޓުންނަށް ހުރަވަޅިން ލިބެން ހުންނަ ހުރިހާ ހިދުމަތެއް ވެސް ފޯރުކޮށްދޭން ހަމަޖެހިފައިވާ ކަމަށް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

އެ އަތޮޅުގައި ހުރަވަޅީގެ އިތުރުން ކްރައުން އެންޑް ޗަމްޕާ ރިސޯޓުގެ ހިއްސާވާ ދެ ރިސޯޓެއް ހިންގަ އެވެ. އެއީ ކުރެއްދު އާއި ކޮމަންޑޫ ރިސޯޓެވެ. އަދި ކުޑަދޫގެ އިތުރުން އެ އަތޮޅުގެ އެހެން ރަށްތަކެއް ރިސޯޓުގެ ގޮތުގައި ތަރައްގީކުރަމުން އެބަދެ އެވެ.