ކްރައުން އެންޑް ޗަމްޕާގެ ނުވަ ވަނަ ރިސޯޓުގެ ގޮތުގައި އިންނަހުރާ ހުޅުވަނީ

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް (ސީސީއާރު)ގެ ނުވަ ވަނަ ރިސޯޓުގެ ގޮތުގައި ޅ. އިންނަހުރާ އަންނަ ނޮވެމްބަރު މަހު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.


ރާއްޖޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ކުންފުނިން ހަދާ ރިސޯޓުގެ ވެބްސައިޓްގައިވާ ގޮތުން އެ ތަނުގައި ހުންނަނީ މުޅިން ވެސް އެއްގަމު ކޮޓަރި އެވެ. އެ ގޮތުން އިރުއަރާ ތަން ފެންނަ 41 ކޮޓަރި އާއި އިރު އޮއްސޭ މަންޒަރު ފެންނަ 33 ކޮޓަރި ހުރެ އެވެ.

މާލެ އިން ފުރައިގެން ސީޕްލޭންގައި 40 މިނެޓުން ދެވޭ ހިސާބުގައި އޮންނަ އިންނަހުރާގައި އެއް ސަންސެޓް ބާ އާއި އެއް ލައިބްރަރީ ބާ އަދި ބުފޭ ސްޓައިލަށް ހިންގާ ރެސްޓޯރަންޓެއް އަތިރިމައްޗާ ކުރިމަތިވާ ގޮތަށް ހުރެ އެވެ. އޭގެ އިތުރުން ސްވިމިން ޕޫލަކާއި ވޯޓާ ސްޕޯޓްސް އަދި ޑައިވިން ސެންޓަރަކާއި ޖިމެއް އަދި "ދުނިޔެ" ބްރޭންޑްގެ ސްޕާއެއް ވެސް އެ ރިސޯޓުގައި ހުރެ އެވެ. އަދި ޓޫރިސްޓުންނަށް އެކްސްކާޝަންގެ ހިދުމަތް ވެސް ލިބެން ހުންނާނެ ކަމަށް އިންނަހުރާގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

ރާއްޖޭގެ ބޮޑެތި މަހުޖަނުންތަކެއްގެ ހިއްސާވާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް (ސީސީއާރު)ގެ ރިސޯޓުތަކުގެ ތެރޭގައި އިންނަހުރާގެ އިތުރުން މީރު އައިލެންޑް ރިސޯޓު، ވިލަމެންދޫ އައިލެންޑް ރިސޯޓު، ވެލިގަނޑު، ކުރެއްދޫ، ކޮމަންޑޫ، ހުރަވަޅި، ކުޑަދޫ، މިރިހި އައިލެންޑް ރިސޯޓު ވެސް ހިމެނެ އެވެ. އަދި މާލޭގައި ހުންނަ ޗަމްޕާ ސެންޓްރަލް ހޮޓަލަކީ ވެސް އެ ކުންފުނީގެ ދަށުން ހިންގާ ތަނެކެވެ.