ޓޫރިޒަމުން މިދިޔަ އަހަރު 2.7 ބިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބުނު: އެމްއެމްއޭ

ޓޫރިޒަމް ދާއިރާ އިން މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.7 ބިލިއަން ޑޮލަރު (41.6 ބިލިއަން ރުފިޔާ) ލިބިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.


މަރުކަޒީ ބޭންކުން ނެރުނު އަހަރީ ރިޕޯޓުގައި ބުނެފައި ވަނީ ޓޫރިޒަމް ދާއިރާ އިން މިދިޔަ އަހަރު ލިބުނު އަދަދު ވަނީ އޭގެ ކުރީ އަހަރަށް ވުރެ 236.3 މިލިއަން ޑޮލަރު (3.6 ބިލިއަން ރުފިޔާ) އިތުރުވެފައި ކަމަށެވެ. މީގެ ތެރޭގައި ރިސޯޓުތައް ހިންގާ ކުންފުނިތަކަށާއި ދައުލަތަށް ލިބުނު އާމްދަނީ ވެސް ހިމެނެ އެވެ.

ޓޫރިޒަމް ދާއިރާ އިން ދައުލަތަށް ލިބޭ އާމްދަނީގެ ތެރޭގައި ބީޕީޓީ އާއި ޓޫރިޒަމް ޖީއެސްޓީ އާއި ރިސޯޓުތަކުގެ ބިމު ކުލި ހިމެނެ އެވެ.

އެމްއެމްއޭގެ ރިޕޯޓުގައިވާ ގޮތުން ޚިދުމަތުގެ އާމްދަނީގެ ގޮތުގައި ޖުމްލަ 3.1 ބިލިއަން ޑޮލަރު މިދިޔަ އަހަރު ލިބިފައިވެ އެވެ. މިއީ 2016 ވަނަ އަހަރާ އަޅާބަލާއިރު 258.3 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ ޚިދުމަތުގެ ވިޔަފާރީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ޓޫރިޒަމުން ލިބޭ އާމްދަނީން ކަމަށެވެ. އެގޮތުން ހިދުމަތުގެ އާމްދަނީގެ 87 ޕަސެންޓް ހިއްސާ ކުރަނީ ޓޫރިޒަމުން ލިބުނު އާމްދަނީ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.