200 ބިލިއަން ޑޮލަރުގެ ޓެކްސް ނަގާނެ ކަމަށް ޗައިނާ އަށް ޓްރަމްޕް އިންޒާރު ދެއްވައިފި

ވޮޝިންޓަން (ޖޫން 19) - ޓެކްސްގެ ސިޔާސަތުތަކާ ގުޅިގެން ޗައިނާ އިން އެމެރިކާގެ އިމްޕޯޓު މުދަލުން ޓެކްސް ނަގަން ނިންމާފައި ވަނިކޮށް، އިތުރު 200 ބިިލިއަން ޑޮލަރުގެ އަގުހުރި މުދަލުން ޓެކްސް ނަގަން ޖެހިދާނެކަމަށް ވިދާޅުވެ ޓްރަމްޕް އިއްޔެ ޗައިނާ އަށް އިންޒާރުދެއްވައިފި އެވެ.


"ގޮތްދޫނުކުރުމުގެ ގޮތުން ޗައިނާ އިން ޓެކްސް ނަގަން އުޅޭ އުޅުން ބަލައެއް ނުގަނެވޭނެ" - ޓްރަމްޕް

ޓްރަމްޕް އިއްޔެ ވިދާޅުވީ ޗައިނާ އިން "ގޮތުގައި ހިފަހައްޓާ ނަމަ" އިތުރަށް 10 ޕަސެންޓް ޓެކްސް ނަގަން ހެޔޮވަރުގެ ލިސްޓެއް މިހާރު ތައްޔާރުކޮށްފައި އެބައޮތް ކަމަށެވެ. އިތުރަށް ޓެކްސް ނެގޭނީ ކޮން ބާވަތްތަކަކުންތޯ ބެލުމަށް ވެސް ޓްރަމްޕް އިއްޔެ ވަނީ ކަމާބެހޭ އިދާރާތަކަށް އަންގަވައިފަ އެވެ.

ޓްރަމްޕްގެ ބަޔާނުގައި އިތުރަށް ވިދާޅުވީ ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ގާތް ގުޅުމެއް އެބައޮތް ކަަމަށާއި ވިޔަފާރި އާއި އިގްތިސާދު ކުރިއެރުވުމުގައި ދެ ގައުމަށް ވެސް އޮންނަންވާނީ ހަމަހަމަ ފުރުސަތުތަކެއް ކަމަށެވެ. އެކަމަކު މީގެ ފަހުން އެމެރިކާގެ އިގްތިސާދުގެ ނާޖާއިޒް ފައިދާ ނަގަން ޗައިނާ އަށް ފުރުސަތު ނުދެއްވާނެކަމަށް ވެސް އެ ބަޔާނުގައި ޓްރަމްޕް ވިދާޅުވި އެވެ.

މި ބަޔާނާ ގުޅިގެން ޗައިނާގެ މާލީ ވުޒާރާ އިން މިއަދު ބުނީ ދެ ގައުމުގެ މެދުގައި ވެފައިވާ އެއްބަސްވުންތަކާއި ދެކެވިފައިވާ ވާހަކަތައް އެއްފަރާތްކުރުމަށް ފަހު އެމެރިކާ އިން އިގްތިސާދީ ގޮތުން ފިއްތުންތައް ކުރިމަތިކޮށް ޗައިނާ އަށް ބިރު ދެއްކުމުގެ ހަރަކާތްތަކެއް ފަށައި، ބައިނަލްއަގުވާމީ މުޖުތަމައު ނުތަނަވަސް ކުރުވައިފި ކަމަށެވެ.

"އެެމެރިކާ އިން ޒިންމާދާރުކަމެއް ނެތި، ޓެކްސް ނަގާނެ އާ ލިސްޓެއް އިއުލާނުކޮށްފި ނަމަ ހަރުކަށިކަމާ އެކު ރައްދު ދިނުން ނޫންގޮތެއް ނޯންނާނެ" ޗައިނާގެ މާލީ ވުޒާރާ އިން ބުނެފައިވެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދުގެ މެދުގައި ވިޔަފާރީގެ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ހީވެފައިވާއިރު ދެ ގައުމުގެ ކޯޅުންތަކާ ގުޅިގެން އޭޝިއާގެ ހިއްސާގެ ބާޒާރަށް ވަނީ އެނގުންވެލައިފަ އެވެ. މިއަދު ހެނދުނު ޝަންހާއީގެ ހިއްސާގެ ބާޒާރު ހުޅުވި އިރު އަގުތައް ހުރީ އެވްރެޖުކޮށް އިއްޔެއަށްވުރެ ތިން ޕަސެންޓް ދަށުގަ އެވެ.