ވެލާނާ އެއާޕޯޓުގެ އާ ރަންވޭގައި ލައިޓް ހަރުކުރަން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގައި ލައިޓް ހަރުކުރަން ފަށައިފި އެވެ.


އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އާ ރަންވޭގައި ސެންޓަ ލައިޓް އާއި ބޯޓު ޖައްސަން އަންނަ ޒޯނުގައި ހުންނަ އެޕްރޯޗް ލައިޓް ހަރުކުރަން ފަށާފައިވާ ކަމަށެވެ. މީގެ ކުރިން ރަންވޭގައި ހުންނަނީ ހަމައެކަނި އެޕްރޯޗް ލައިޓެވެ.

"ސެންޓަ ލައިޓް އަދި އެޕްރޯޗް ލައިޓްގެ ގޮތުގައި މިފަހަރު މި ބޭނުންކުރަނީ އިންސެޓް ކިޔާ ލައިޓެއް. މި ލައިޓް ހުންނާނީ ރަންވޭ ތެރޭގައި ފޮރުވިފައި. ކުރީ ރަންވޭގައި ހުންނަ ލައިޓްތައް އަޅައިގަންނާނެ،" އޭނާ ވިދާޅުވި އެވެ.

ވެލާނާ އެއާޕޯޓުގެ އާ ރަންވޭގައި ލައިޓް ހަރުކޮށްފައި: މިތަނުގައި ހަރުކުރަނީ ރަންވޭގައި ފޮރުވައި ހުންނަ ލައިޓްތަކެއް. ފޮޓޯ: އެމްއޭސީއެލް

އޮފިޝަލް ވިދާޅުވީ ރަންވޭގައި ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ވިއްސަކަށް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

އެ ރަންވޭގެ ނުނިމި އޮތީ ހަމައެކަނި މެދު ބައި އެކަންޏެވެ. އެ ބައިގެ މަސައްކަތް ނުކުރެވި އޮތީ، އެ ތަނުގައި ހުރި ޓީއެމްއޭގެ ސީޕްލޭން ހެނގަރު އެހެން ސަރަހައްދަކަށް ބަދަލު ނުކުރެވިގެންނެވެ. ރަންވޭ މެދުގައި ހުރި ހެނގަރު ބަދަލުކުރަން އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލް ކައިރީގައި ހަދާ ހެނގަރުގެ ސްޓްރަކްޗަރަލް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އަދި އެ ބައިގެ ތާރު އަޅަން ތައްޔާރުކުރުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.

އެމްއޭސީއެލް އިން މިދިޔަ ހަފުތާގައި ބުނެފައި ވަނީ އާ ރަންވޭގެ ތާރު އެޅުމުގެ މަސައްކަތްތަކާއި ރަންވޭގެ ލައިޓް ހަރުކުރުމާއި އެ ނޫން ވެސް ހުރިހާ މަސައްކަތެއް އޮގަސްޓް 30ގެ ނިޔަލަށް ނިމޭނެ ކަމަށެވެ. އަދި އޭގެ ފަހުން ސެޕްޓެމްބަރު މަހު ޓެސްޓް ފްލައިޓް ޖައްސަން ފެށޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ވެލާނާ އެއާޕޯޓުގެ އާ ރަންވޭގައި ލައިޓްތައް ހަރުކުރުމުގެ މަސައްކަތް ކުރަނީ. ފޮޓޯ: އެމްއޭސީއެލް

އެއާބަސް އޭ 380 މަރުކާގެ ބޯޓު ޖެއްސޭ ފެންވަރަށް ހަދާ 3،400 މީޓަރު ދިގު އަދި 60 މީޓަރު ފުޅާ ރަންވޭގެ މަސައްކަތްކުރަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)ން އެވެ. އެ މަޝްރޫއުގެ ދަށުން، އާ ރަންވޭ ހަދަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ. އެ މި ލޯނުގައި ރަންވޭގެ އިތުރުން 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި 80،000 ޓަނުގެ ކާގޯ ފެސިލީޓީއެއް ހެދުން ވެސް ހިމެނެ އެވެ.