އާ ރަންވޭ: ދަތި އުނދަގޫތައް މާޒީގެ ތެރެއަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މަތިންދާބޯޓު ޖެއްސުމަށް ހޭދަކުރަން ޖެހޭ ވަގުތާއި ގަޑިއަށް ފުރުމުގައި ދިމާވާ އުނދަގޫ އެންމެ ބޮޑަށް އިހުސާސްކުރެވޭނީ އެއާލައިންތަކަށާއި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގައި ތިބޭ މީހުންނަށެވެ.


އެއާލައިންތަކުގެ މީހުން އެންމެ ބޮޑު އިސްކަމެއް ދޭނީ ޝެޑިއުލާ އެއްގޮތަށް ބޯޓުތައް ޖައްސައި ފުރުވުމަށެވެ. މިހާތަނަށް އެކަން އެގޮތަށް ކުރަން ދިމާވެފައި އޮތް ގޮންޖެހުމަކީ އެ އެއާޕޯޓުގައި އެންމެ ރަންވޭއެއް އޮތުމެވެ.

ރާއްޖޭގެ އެންމެ ބިޒީ ވައިގެ ބަނދަރުގައި މޯލްޑިވިއަން އިން ޓޫރިޒަމްގެ ހައި ސީޒަންގައި ދުވާލަކު 100 އަށްވުރެ ގިނަ ފްލައިޓް އޮޕަރޭޓްކުރެ އެވެ. އަދި އެނޫން ދުވަސްވަރު ވެސް އެވްރެޖްކޮށް 80 ފްލައިޓް އޮޕަރޭޓްކުރެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަންގައި މަތިންދާބޯޓުތަކެއް ޕާކުކޮށްފައި. އާ ރަންވޭ ބޭނުންކުރަން ފެށުމުން ބޯޓުތައް ގަޑިއަށް ފުރުމުގައި ދިމާވާ މައްސަލައަށް ހައްލު ލިބޭނެ.

މޯލްޑިވިއަން އޮޕަރޭޓްކުރާ ސަރުކާރުގެ ވައިގެ ކުންފުނި، އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ އެ އެއާޕޯޓުގެ އާ ރަންވޭއާއެކު އެ ކުންފުނީގެ މަތިންދާބޯޓުގެ ހިދުމަތް ވަރަށް ބޮޑަށް ފުރިހަމަވެގެންދާނެ ކަމަށެވެ.

"އެންމެ ބޮޑު ފުރިހަމަ ކަމެއް އަންނާނީ ފްލައިޓް އޮޕަރޭޝަނަށް. މީގެ ކުރިން ޕީކް ގަޑިތަކުގައި އަޅުގަނޑުމެންގެ މަތިންދާބޯޓެއް ޖައްސަން އައިސް ނުޖެއްސި އެތައް އިރެއްވަންދެން މަޑުކުރަން ޖެހޭ. އޭގެ ސަބަބުން ތެލުގެ ހަރަދު ވެސް ބޮޑުވޭ. އަދި ސީޕްލޭންގައި ފުރަން ތިބޭ މީހުންނަށް ވެސް ގަޑިއަށް ނުފުރުމުގެ މައްސަލަ އެބަ ދިމާވޭ،" އޭނާ ވިދާޅުވި އެވެ.

އާ ރަންވޭއާއެކު އެ ކުންފުނީގެ ފްލައިޓް އޮޕަރޭޓްކުރަން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ހާރިސް ދެކެވަޑައިގަންނަވަ އެވެ.

"ގައިމު ދެން ނުޖެހޭނެ މަތީގައި މަޑުކޮށްގެން އޮންނާކަށް ވެސް. އަދި މީގެ ކުރިން މަތިންދާބޯޓެއް ފުރޮޅެއް ފަޅައިގެން ހިނގައްޖެ ނަމަ ނުވަތަ މަރާމާތު ކުރަން ރަންވޭ ޖެހޭ ބަންދުކުރަން. އޭގެ ސަބަބުން އަޅުގަނޑުމެންގެ އޮޕަރޭޝަނަށް ބުރޫއަރާ،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއާޕޯޓުގައި ދެވަނަ ރަންވޭއެއް ނެތުމުން ދިމާވި އެތައް އުނދަގޫތަކެއް ދެން ދިމާނުވާނެ ކަމަށެވެ.

"މަތިންދާބޯޓު ގަޑިއަށް ފުރުވާލުމާއި ރަންވޭ ބިޒީވުމުން ނުޖެއްސި މަތީގައި އޮންނަން ޖެހޭ ވަގުތު ސަލާމަތްވާނެ. މިއީ ލިބުނު ވަރަށް ބޮޑު ފަސޭހައެއް،" ހާރިސް ވިދާޅުވި އެވެ.

ރަންވޭ ބިޒީވުމުގެ ސަބަބުން ނުޖެއްސި މަޑުކުރަން ޖެހެނީ ހަމައެކަނި އެ އެއާލައިނެއް ނޫނެވެ. އެހެން އެއާލައިންތަކަށް ވެސް އެ މައްސަލަ ދިމާވެ އެވެ. އެކަމަކު އާ ރަންވޭއާއެކު އެ ހުރިހާ މައްސަލައެއް ވެސް ހައްލުވެގެންދާނެ ކަމަށް ބެލެވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ. މިތަނަށް މިހާރު އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭނެ.

އެއާޕޯޓެއް ހިންގާއިރު އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރު (އޭޓީސީ)ގައި ތިބޭ ކޮންޓްރޯލަރުންނަށް ވެސް ދިމާވާ ގޮންޖެހުންތައް ކުޑައެއް ނޫނެވެ. ރަންވޭ ބިޒީވުމުން މަތީގައި ބޯޓު މަޑުކުރަން އަންގައި، ރަންވޭ ކްލިއާ ކުރަން މަތިންދާބޯޓަށް ހުރިހާ އިރުޝާދެއް ދޭނީ ޓަވަރުގައި ތިބޭ ކޮންޓްރޯލަރުންނެވެ.

ވެލާނާ އެއާޕޯޓުގެ އެއާ ޓްރެފިކް ކޮންޓްރޯލް ސާވިސްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ތޯހާ ދެކެވަޑައިގަންނަވާ ގޮތުގައި އާ ރަންވޭއެއް އެތަނުގައި ހެދުމަކީ އެ އެއާޕޯޓަށް އަންނަ "އިންގިލާބެ"ކެވެ.

"މިހާރުގެ ރަންވޭގައި ކޮންމެ ބޯޓެއް މި ޖެހެނީ ކޮއްޕާފައި ނެރެން. އެހެންވީމަ ރަންވޭ ބަންދު މިވަނީ ގާތްގަނޑަކަށް 15 ވަރަކަށް ނުވަތަ ދިހަ ވަރަކަށް މިނެޓަށް،" އޭނާ ވިދާޅުވި އެވެ.

ތޯހާ ވިދާޅުވީ އާ ރަންވޭ ލިބޭ ފަސޭހަ އަކީ މަތިންދާބޯޓުތައް ވަރަށް ކައިރި ކައިރީގައި ޖެއްސުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. މިހާރު އެތަނަށް ބޯޓެއް ޖެއްސެނީ ކޮންމެ ދިހަ މިނެޓަކުން އެއް ފަހަރު އެވެ.

"ކުދި ބޯޓުތައް ކޮންމެ ފަސް މިނެޓަކުން މި ޖެއްސެނީ. ބޮޑެތި ބޯޓުތައް މި ޖެއްސެނީ ކޮންމެ ދިހަ މިނެޓަކުން. އެކަމަކު ދެން ބޮޑެތި ބޯޓުތައް ތިން މިނެޓުން ނުވަތަ ދެ މިނެޓުން ޖެއްސޭނެ ފުލުފުލުގައި،" އޭނާ ވިދާޅުވި އެވެ.

ތޯހާ ވިދާޅުވީ ހެނދުނު 8:00 މެންދުރު ފަހު 3:00 އާ ދެމެދު ރަންވޭ ބިޒީވުމުން މަތިންދާބޯޓުތައް މަތީގައި ހޮލްޑުކުރުވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި ރޭގަނޑު 7:30 ން ފެށިގެން 10:00 އާ ދެމެދު ގިނަ އަދަދަކަށް ބޯޓުތައް ހޮލްޑްކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޭޓީސީއަށް އަންނަ އެންމެ ބޮޑު ޝަކުވާއަކީ މަތީގައި އޮންނަ އެއްޗެއް މަތީގައި ކިޔުގައި ޖެއްސިފައި. ގްރައުންޑްގައި އޮންނަ ބޯޓު ރަންވޭއަށް ނުނެރެވިގެން ފުރިފައި. ހުރިހާ ޝަކުވާއެއް މިއަންނަނީ އަޅުގަނޑުމެންނަށް،" އޭޓީސީގައި 25 އަހަރަށް ވުރެ ގިނަ ދުވަސްވީ ތޯހާ ވިދާޅުވި އެވެ.