އެމްއެމްއޭއިން މި އަހަރު ވެސް ދަތުރުވެރިންގެ ސާވޭއެއް ކުރަނީ

ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ މި މަހު ފަށާނެ ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.


އެމްއެމްއޭ އިން ބުނީ މި ސާވޭ ކުރިއަށް ގެންދާނީ މި މަހުގެ 24 އިން 30 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް ހޯލުގައި ކަމަށެވެ. ރާއްޖެއިން ބޭރުން އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު އެ އޮތޯރިޓީއިން ކުރަމުންގެންދާ މި ސާވޭގެ ބޭނުނަކީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް ހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމެވެ.

މި ސާވޭގައި މައިގަނޑު ގޮތެއްގައި ނަގާ މައުލޫމާތުތަކުގެ ތެރޭގައި ދަތުރުގެ މައިގަނޑު މަގްސަދު، ދަތުރު ކުރި ގައުމު، ޓިކެޓުގެ ހަރަދު، ހުރުމުގެ ހަރަދު، ބޭސް ފަރުވާއަށް ކުރެވުނު ހަރަދުގެ އިތުރުން ޖުމުލަ ގޮތެއްގައި މުޅި ދަތުރަށް ކުރެވުނު ހަރަދުގެ މައުލޫމާތު ހިމެނޭނެއެވެ.

ނަމަވެސް ވަކިވަކި ފަރުދުންގެ ނަމާއި އެޑްރެސް ފަދަ އެއްވެސް މައުލޫމާތެއް މި ސާވޭގައި އެކެއްނުކުރާނެ އެވެ. އަދި އެއްކުރެވޭ ހުރިހާ މަޢުލޫމާތެއްގެ ސިއްރު ހިފަހައްޓާނެކަމަށް އެއޮތޯރިޓީން ބުނެ އެވެ. ސާވޭ ކުރެވޭ މުއްދަތުގައި، އެމްއެމްއޭގެ ޓީމްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް ހޯލުގައި ސާވޭއަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވާނެއެވެ.

އެމްއެމްއޭ އިން އަންނަނީ 2014 ވަނަ އަހަރުން ފެށިގެން މި ސާވޭ ކުރަމުންނެވެ. މިދިޔަ އަހަރުގެ ސާވޭގައި 4220 މީހުން ވަނީ ބައިވެރިވެފަ އެވެ. މި ސާވޭގައި 2016 ވަނަ އަހަރު 4488 މީހުން ބައިވެރިވި އިރު 2015 ވަނަ އަހަރު މި ސާވޭގައި 3891 މީހުން ވަނީ ބައިވެރިވެފަ އެވެ.

މިދިޔަ އަހަރުގެ ސާވޭން ދައްކާ ގޮތުން ދިވެހިން އެންމެ ގިނައިން ބޭސްފަރުވާއަށް ގޮސް އުޅެނީ އިންޑިޔާއަށެވެ. އަދި ޗުއްޓީ ހޭދަކުރުމަށް އެންމެ ގިނައިން ގޮސް އުޅެނީ ސްރީލަންކާއަށެވެ. މީގެ އިތުރުން މެލޭޝިޔާ އާއި ސިންގަޕޫރުގެ އިތުރުން ތައިލެންޑަށް ދާ މީހުންވެސް އިތުރުވަމުންދާކަމަށް މި ސާވޭއިން ދައްކަ އެވެ.