ފެންބޮޑުވެ ވިޔަފާރިވެރިންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައި

އިއްޔެ ކުރި ވިއްސާރައިގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ވަރަށް ގިނަ ވިޔަފަރިވެރިންނަށް ބޮޑެތި ގެއްލުން ވެއްޖެ އެވެ.


ގެއްލުންވި ވިޔަފާރިތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ އަމީނީމަގުގައި ހިންގަމުން ދިޔަ ފިހާރަތަކާއި ވިޔަފާރިތަކަށެވެ. އެގޮތުން ގާކޮށީގެ ހުޅަނގުގައި ހުންނަ ލޯކަލް މާރުކޭޓުގައި ވެސް ކަކުލާ ހަމައަށް ފެންބޮޑުވެ، ގިނަ އަދަދައްގެ ތަރުކާރީ އާއި މޭވާ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.

އަމީނީ މަގުގަައި ފެންބޮޑުވެ، ފިހާރައެއް ފެނުން ރައްކާ ކުރުމަށް މަސައްކަތް ކުރަނީ | ފޮޓޯ: އަހުމަދު ނީޝާތު

މާރުކޭޓުގައި ތަރުކާރީ ވިއްކާ ފަރާތަކުން ބުނީ ފެންގަނޑު ބޭރުކުރުމަށް ކުރި މަސައްކަތް އެހާ ކާމިޔާބު ނޫން ކަމަށާއި، ގާތްގަނޑަކަށް 25،000 ރުފިޔާގެ މުދާ ހަލާކުވެ އުކާލަން ޖެހުނު ކަމަށެވެ. އަދި އެހެން ވިޔަފާރިވެރިޔަކު ބުނީ ފެނުގެ ސަބަބުން އޭނާ އަށް 10،000 ރުފިޔާގެ ގެއްލުންވެފައިވާ ކަމަށެވެ.

އަމީނީމަގު ގާކޮށީގައި ހުންނަ މާރުކޭޓަށް ވަނީ ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުން ވެފައި | ފޮޓޯ: ހުސެން ވަހީދު / މިހާރު

މާރުކޭޓުގެ އިތުރުން އަމިއްލަ ވިޔަފާރި ކުރާ ފިހާރަތަކަށް ވެސް ވަނީ ގެއްލުން ވެފަ އެވެ. އެގޮތުން އަމީނީ މަގާއި، ވައިދެރިމަގުގެ ކަންމައްޗަށް ވާގޮތަށް ހުންނަ އިލެކްޓްރޯނިކްސް ވިއްކާ 'ފެބް' ފިހާރަ އަށް ވަނީ ގިނަ އަދަދެއްގެ ފެންވަދެ، ބޭނުން ނުކުރެވޭ ވަރަށް ކަރަންޓު ސާމާނު ހަލާކުވެފަ އެވެ.

ފެންބޮޑުވުމުގެ ސަބަބުން ފެބް ފިހާރައިން ހަލާކުވި ބައެއް އިލެކްޓްރޯނިކްސް | ފޮޓޯ: ހުސެން ވަހީދު / މިހާރު

"ފެންގަނޑު އައިސް ފިހާރަ ތެރެއަށް ވަދެ، ތިރީ ޝެލްފްތަކުގައި ހުރ ހުރިހާ ކަރަންޓު ސާމާނެއް ވަނީ ހަލާކުވެފައި. މިއީ އަޅުގަނޑުމެން އަލަށް ގެނައި ޝިޕްމަންޓް. ގިނަ އެއްޗެހި ހުރީ ހަލާކުވެފައި. ފެނުގެ ސަބަބުން ލިބުނު ގެއްލުން މިހާރު ތިން ލައްކަ ރުފިޔާ އަށް އަރާނެ ކަމަށް ބެލެވޭ،" ފެބް ފިހާރައިގެ ވެރިފަރާތް، އަލި މަނިކު (އަލިބެ) ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެންބޮޑުވުމުން ބަސްތާ ޖަހައި، ފެން ބޭރު ކުރުމުގެ މަސައްކަތް ކުރި ނަމަވެސް، ބާރަަށް ދުއްވާފައި ދިޔަ އުޅަނދުތަކުގެ ސަބަބުން ފެންގަނޑު ފިހާރަ ތެރެއަށް ވަނީ ކަމަށެވެ.

ރެއިންބޯ އެންޓަޕްރައިޒަސްގެ ފިހާރައަށް ފެންވަދެ، މުދަލަށް ގެއްލުންވެފައި | ފޮޓޯ: ރެއިންބޯ

ހަމަ އެގޮތުން ރެއިންބޯ އެންޓަޕްރައިޒަސްގެ ފިހާރަތަކަށް ފެން ވަދެ، ގިނަ އަދަދެއްގެ މުދަލަށް ވަނީ ގެއްލުންވެފަ އެވެ. އެގޮތުން ފަރުނީޗަރަށް ފެނުގެ އަސަރުކޮށް، ބޭނުން ނުކުރެވޭ ވަރަށް ހަލަކުވެ ގާތްގަނޑަށް 70،000 އާއި އެއް ލައްކާ ރުފިޔާ އާ ދެމެދުގެ އަދަދަކަށް ގެއްލުންވެފައިވާ ކަމަށް ރެއިންބޯއިން ބުނެއެވެ.

މީގެ އިތުރުން ބައެއް އެހެން ފިހާރަތަކަށާއި ގުދަންތަކަށް ވެސް ވަނީ ވަރަށް ބޮޑެތި ގެއްލުންތައްވެ، ގިނަ އަދަދެއްގެ މުދާ ހަލާކުވެފަ އެވެ.