24 ގަޑި އިރު ފިހާރަތައް ހުޅުވުމުގައި އާންމުގެ ހިޔާލު

24 ގަޑި އިރުގެ ވިޔަފާރި ހުއްދަ: އާންމުންގެ ހިޔާލު ތަފާތު

ސައުވީސް ގަޑިއިރު ފިހާރަތަކާއި ރެސްޓޯރެންޓްތައް ހުޅުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.


ޚާއްސަ ޝަރުތުތަކާ އެކު 24 ގަޑިއިރު ފިހާރަ އަދި ރެސްޓޯރެންޓްތައް ހުޅުވުމުގެ ހުއްދަ ހޯދަން ޖެނުއަރީ 1 އިން ފެށިގެން ވަނީ ހުޅުވާލައިފަަ އެވެ.

އާންމުންގެ ހިޔާލު

އެކަމަކު މިކަމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލުތައް ތަފާތެވެ. ބައެއް މީޙުން ބުނަނީ އެގޮތަށް ހެދުމުން ވަރަށް ބޮޑު ފައިދާއެއް ލިބޭނެ ކަމަށެވެ. ހާއްސަކޮށް ކުޑަކުދިން ބަލާ މީހުންނަށް އެކަމުން ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ.

"ކުޑަކުދިން ގޮވައިގެން އުޅޭ މީހުންނަށް ރޭގަނޑު 10:00 ގައި ފިހާރަތައް ބަންދު ކުރީމަ ދެން އެއްވެސް ކަހަލަ އެއްޗެއް ނުލިބޭ. ކަމެއް މީހަކަށް ޖެހިގެން އެއްޗެއް ގަންނަން ބަލާ އިރު ފިހާރަތައް ހުޅުވާފައި ނުހުންނާތީ ވަރަށް ދެރަވޭ،" ވާހަކަ ދެއްކި އެކަކު ބުންޏެވެ.

ނަމަވެސް އެހެން މީހަކު ބުނި ގޮތުގައި ދަންވަރު ފިހާރަތައް ހުޅުވުމަކީ ދިވެހިންގެ ސަގާފަތާ ގުޅޭ ކަމެއް ނޫނެވެ.

"ދަންވަރުވީމަ ހޭލާ މިއުޅޭ ކުދިންގެ އުނދަގޫ ބޮޑުވެދާނެ. އެމީހުން ބޭނުން އެއްޗެއް ފިހާރައެއްގައި ހުރެއްޖިއްޔާ ގޮސް ތަޅައިފޮޅައިގެންފާނެ،" އެހެން މީހަކު ބުންޏެވެ.

އެހެން ބައެއް މީހުން ބުނާ ގޮތުގައި އެ ބަދަލު ގެނައުމުން އެއް ބަޔަކަށް 24 ގަޑި އިރު މަސައްކަތުގައި އުޅެން ޖެހޭނެ އެވެ. އެހެންކަމުން އެއީ ރަނގަޅު ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގަ މިއީ ވަރަށް ގޯސް ކަމެއް. މިހާރު 6:00 ޖަހާ އިރަށް ފިހާރަތައް ބަންދު ކުރެވޭ ގޮތް ހަދަންވީ. އާންމު ރައްޔިތު މީހާ އަށް ނުލިބޭ އަނބިދަރިންނާ އެކު ވަގުތެއް،" އޭނާ ބުންޏެވެ.

އާންމުން ފާހަގަކުރާ ގޮތުގައި 24 ގަޑި އިރު ފިހާރަތައް ހުޅުވަން ވާނީ ރަނގަޅު އުސޫލެއްގެ ތެރެއިންނެވެ. ހުރިހާ ފިހާރަތަކަށް ހުއްދަ ދިނުމުގެ ބަދަލުގައި ލިމިޑެޓް އަދަދަކަށް ފިހާރަތައް ހުޅުވުން މައްސަލައެއް ނޫން ކަމަށް ބައެއް މީހުން ދެކެ އެވެ.

ނަމަވެސް މިކަމާ ގުޅިގެން ގިނަ ވިޔަފާރިވެރިން ތިބީ ހިތްހަމަޖެހިފަ އެވެ. އެމީހުން ފާހަގަކުރާ ގޮތުގައި ފިހާރަތައް ދަންވަރު ހުޅުވުމުން ވިޔަފާރިއަށް ރަނގަޅުވާނެ އެވެ.

24 ގަޑިއިރު ހިންގަން ހުއްދަ ދޭ ބައެއް ޝަރުތުތައް

- އެތެރެ ސާފުކޮށް ފެންނަ ގޮތަށް ހުރުން

-24 ގަޑިއިރު އޮޕަރޭޓްކުރާ ކެމެރާ ހަރުކޮށްފައި ހުރުން

- ކައުންސިލްތަކުން ކަނޑައަޅާ ސަރަހައްދެއްގައި ހުންނަ ތަނަކަށް ވުން

- ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުން

އެކަމަކު ރާއްޖޭގައި ހިންގާ ބޭރުގެ އެއްވެސް ފްރެންޗައިޒްއަކަށް 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައެއް ނުދެ އެވެ.

ދަންވަރު ވިޔަފާރި ހިންގުމުގެ ހުއްދަ ދެނީ 2،000ރ. ގެ ފީއަކަށެވެ. މި ހުއްދަ ދެނީ ދެ އަހަރުގެ މުއްދަތަކަށެވެ. ޝަރުތުތަކާ ހިލާފްވާ ފުރަތަމަ ފަހަރު ހަ މަހަށް ހުއްދަ ހިފެހެއްޓެ އެވެ. އަދި ތަކުރާރުކޮށް އެ ގަވާއިދާ ހިލާފްވާ ނަމަ، އެއްކޮށް ހުއްދަ ބާތިލްކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.